މި އަހަރުގެ ކިރީކޮޅު އައްޑޫން ދޫކުރަން އިއުލާންކުރި 1،000 ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ކައުންސިލުން ބުނެފި އެވެ.
ރޭ އައްޑޫ ރައްޔިތުންނާ އެކި ބޭއްވި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އާންމުކުރަން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު ދިމާވި ބައެއް ދަތިތަކާ ހެދި އޭރު އެކަން ނުކުރެވުނު ކަމަށާއި އެކަމަކު މިހާރު އަމާޒަކީ އަންނަ މަހުގެ ތެރޭގައި ލިސްޓް އާންމުކުރުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ކުރަން ޖެގޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހެޅި 4،000 އަށް ވުރެ ގިނަ ފޯމްގެ އިވެލުއޭޝަން މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އައްޑޫން ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި 1،000 ގޯއްޗަށް ބަލާ އިރު، ހިތަދޫން 500 ގޯތި، ފޭދޫން 300 އަދި ހުޅުމީދޫން 200 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ކޮންމެ ކޮންމެ އަވަށަކުން 100 ގޯތި ހިމެނޭ ގޮތަށެވެ. ހިތަދު އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯތިތަކެވެ. ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯތިތަކެވެ.
"އުންމީދަކީ ކުރިއަށް އޮތް އޮތް މަހުގެ ތެރޭގައި ގޯތި ލިބޭ ފަރާތްތައް އާންމު ކުރެވޭނެ ކަމަށް." މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި މިއީ ސީދާ ކައުންސިލުގެ ތެރޭގައި ކުރިއަށްދާ މަސައްކަތަކަށްވުމާ އެކީ، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅިގެން ދާނީ އެންމެ އިންސާފުވެރިކޮށެވެ.
އައްޑޫން ގޯތި ދޫކުރަން މި އަހަރު އިއުލާންކުރީ ދިރިއުޅެން ބަންޑާރަ ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.