އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ބިންތަކުން އަކަފޫޓަކަށް ނަގާނެ އެންމެ ދަށް އަގަކީ މިހާރު 1ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ރައްޔިތުންނާ އެކީ ރޭ ކައުންސިލް އިދާރާގައި ބޭއްވި ބައްދަވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލަށް އާމްދަނީ ވަންނަ މައިގަނޑު އެއް ވަސީލަތަކީ ކުލީ ބިންތައް ކަމަށެވެ. އެގޮތުން އައްޑޫގެ ކުލީ ބިންތަކުގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެފަދަ ބިންތަކާ ގުޅުން ހުރި ހުރިހާ ކަމެއް ހަމައަކަށް އަޅުވަން މިހާރު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ކުލީ ބިންތަކުން އަކަފޫޓަކަށް ނަގާ އަގު 1ރ. ކަނޑައެޅުމާ ގުޅިގެން، ބިންތައް ނަގާފައިވާ ފަރާތްތަކާ އެކީ އަންނަނީ އެއްބަސްވުންތައް ވެސް ހަދަމުންނެވެ.
"ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންވާ ފައިސާ ހޯދުމާއި އެފަދަ ބިންތަކާ ގުޅޭ ކަންކަން ވެސް ހަމައަކަށް އަޅުވަން ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ކާމިޔާބީއަކާއި ކުރިއެރުމެއް ކައުންސިކަށް ލިބިފައި ވަނީ." މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ކުލީ ބިންތަކުން ލިބޭ އާމްދަނީ އަކީ ދައުލަތުން ކައުންސިލަށް ދޭ ގްރޭންޓްގެ އިތުރުން، ކައުންސިލުން އެންމެ ބޮޑަށް ބަރޯސާވާ އާމްދަނީ އެވެ.