އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އޭނަ މިހާތަނަށް ޑައިރެކްޓްކުރި އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކަރަންގެ ފިލްމު ކުންފުނި، ދަރުމާ އިން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީގެ ބަޖެޓަކީ 265 ކްރޯޑް ރުޕީސް (32.3 މިލިއަން ޑޮލަރު) ކަމަށެވެ. އެކަމަކު އެކަން ފިލްމުގެ ޓީމުން ކަށަވަރުކޮށް ދީފައިވާ ނުވާ އިރު، ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ބަޖެޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިމަނައިފައެއް ނުވެ އެވެ.
އެކަމަކު ކަރަން ފާހަގަކުރެވެނީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އަބަދު ވެސް ވަރަށް "ގްރޭންޑްކޮށް" ފިލްމު ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އޭނަގެ ފިލްމުތަކަށް ހިތްގައިމު ބޮޑެތި ސެޓްތަކާއި އަގުބޮޑު ކޮސްޓިއުމާއި އަގު ބޮޑު ލޮކޭޝަންތައް ބޭނުން ކުރެ އެވެ.
ނަމަވެސް މި ފަހަރު ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅުނު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފާހަގަކުރެވެނީ މިހާތަނަށް އިިންޑިއާ އިން ބޭރުގައި ޝޫޓްނުކުރާ ކަރަންގެ ފުރަތަމަ ފިލްމުގެ ގޮތުގަ އެވެ. އެހެންޏާ އޭނަގެ ފިލްމުތައް ބޭރު ގައުމުތަކުގައި ޝޫޓްކުރުމަކީ އާންމު ކަމެކެވެ.
މި ފަހަރުގެ ފިލްމުގެ ލަވައެއް ޔޫރަޕްގައި ޝޫޓްކުރަން ކުރިން ޕްލޭންކުރި އެވެ. އެކަމަކު އާންމުންގެ ތެރޭގައި މިހާރު ބޮޑު ހިޓަކަށްވެފައިވާ ލަވަ "ތުމް ކިޔާ މިލޭ" ލަވަ ޝޫޓްކުރީ ކަޝްމީރުގަ އެވެ. ކަރަންގެ މި ފިލްމުގެ މައިގަނޑު މަންޒަރުތައް މި ފަހަރު ނެގީ މުމްބާއީ ނިއު ދިއްލީގަ އެވެ. އެކަމަކު ހަމަ އޭނަގެ ސިގްނޭޗާ ކަންކަން ހިމެނޭ ގޮތަށް "ގްރޭންޑް" ސެޓްތަކާއި ޗާލު ކޮސްޓިއުމްތަކާ ވެސް އެކީގަ އެވެ. އެކަން ފިލްމުގެ ޓްރެއިލާއިންނާއި މިހާތަނަށް ދައްކައިލި ލަވަތަކުން ވެސް ފެނިގެންދެ އެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ކަރަންގެ އެންމެ ފަހުން ގެނެސްދިނީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.