Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އުރީދޫ މަސް ރޭހުގެ އައްޑޫ ހޯސްޓަކަށް ކައުންސިލް

އުރީދޫ މަސް ރޭހާއި ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލާއި އުރީދޫއާއި ދެމެދު ބޭއްވި ބައްދަލުވުން / ފޮޓޯ: އައްޑޫސިޓީ ކައުންސިް

ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިފަހަރު ކުރިއަށް ގެންދާ އުރީދޫ މަސްރޭހުގެ، އައްޑޫ އެޑިޝަން ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖެހިއްޖެއެވެ.

އުރީދޫގެ މަސްރޭސް އަންނަ މަހު ބާއްވަން ނިންމާފައިވާއިރު، އައްޑޫގައި މަސް ރޭސް ކުރިއަށް ދާނީ އޯގަސްޓް 18 ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ބޮޑު މަސް ރޭސް ކަމަށްވާ އުރީދޫ މަސް ރޭސް މިފަހަރު 4 ސިޓީއެއްގައި ކުރިއަށް ގެންދާއިރު، އައްޑޫގައި ބާއްވާ ރޭހުގައި 13 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މަސް ރޭހުގެ އިންތިޒާމުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޑޫސިޓީ ކައުންސިލާއި އުރީދޫން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އުރީދޫގެ ސީސީއޯ، ހުސެއިން ނިޔާޒް އަދި ސޭލްޑް ޑިރެކްޓަރ ސަޗިން ސަރްނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ތެރެއިން އައްޑޫސިޓީ ކައުންސިލަށް މަސް ރޭހުގެ އައްޑޫ އެޑީޝަން ހޯސްޓް ޕާޓްނަރުކަން ވަނީ އަރުވާފައެވެ.


އުރީދޫ މަސް ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ފުޅާކޮށް ހިނގާ މަސް ރޭހެވެ. މި މަސް ރޭހުގައި ގިނަ ޓީމުތަކުން ބައިވެރިވާއިރު ބޮޑެތި އިނާމުތަކެއް ލިބިގެން ދެއެވެ.

މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ. އެގޮތުން ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވާނެ އެވެ.

* އެއް ވަނަ ޓީމު: 25،000ރ.
* ދެ ވަނަ ޓީމު: 10،000ރ.
* ތިން ވަނަ ޓީމު: 5،000ރ.
* އެންމެ މޮޅު މަސްވެރިޔާ: 1،000ރ.
* އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ

ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ "އުރީދޫ މަސް ރޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 އޮގަސްޓާއި 25 އޮގަސްޓާ ދެމެދުގަ އެވެ. އެގޮތުން މާލެ އިން މުބާރާތް އޮގަސްޓް 4 ގައި ފަށަން ނިންމާފައިވާ އިރު، އެ މަހުގެ 11 ގައި ރޭސް ކުރިއަށް ދާނީ ކުޅުދުއްފުށީގަ އެވެ. އޮގަސްޓް 18 ގައި "އުރީދޫ މަސް ރޭސް" އައްޑޫގައި ބާއްވާ އިރު، އެ މަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ.