Last Updated: April 28, 21:57
Sunday, April 28, 2024
ދުނިޔެ

އެމެޒޯނުން ވެސް އަގުހެޔޮ އިންޓަނެޓަކަށް

އަގުހެޔޮ އަދި އަވަސް އިންޓަނެޓްގެ ހިދުމަތް ދޭން އެމެރިކާގެ މަހުޖަނު އަދި އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް ކުރިއަށް ގެންދާ "ޕްރޮޖެކްޓް ކުއިޕާ" ގެ ދަށުން ސެޓެލައިޓް ފެސިލިޓީއަކަށް 120 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި އިންވެސްޓްމަންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމެރިކާގެ ޖައްވީ އީދާރާ، ނާސާއާ ގުޅިގެންނެވެ. އެގޮތުން ސެޓެލައިޓް މެދުވެރިކޮށް ބިނާކުރަން މަސައްކަތް ކުރަމިން އަންނަ އަންނަ އިންޓަނެޓް ވިއުގަ އަށް ބޭނުންވާ ސެޓެލައިޓްތަކަށް ހާއްސަކޮށްގެން ފެސިލިޓީ ގާއިމުކުރަން ނިންމާފައި ވަނީ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުގަ އެވެ. އެ ކަމަށް 120 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.

"ޕްރޮޖެކްޓް ކްއިޕާ" އަކީ އެމެޒޯންގެ ސަބްސިޑަރީ ކުންފުނ، ކުއިޕާ ސިސްޓަމް އެލްއެލްސީން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އަދި އޭގެ މަސައްކަތް ފެށީ 2019 ގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ޕްރޮޖެކްޓް ކުއިޕާ" ގެ ދަށުން ލޯ އާތު އޯބިޓް (އެލްއީއޯ) ގައި މަދުވެގެން 3،200 ސެޓެލައިޓްގެ ވިއުގައެއް ބިނާކުރާނެ އެވެ.

"ޕްރޮޖެކްޓް ކުއިޕާ ފުލް ގިއަރުގައި ކުރިއަށް ގެންދަން މިހާރު މިއޮތީ ވަރަށް ބޮޑަށް އަމާޒު ހިފާފައި. އެހެންވީމަ ސެޓެލައިޓް ވިއުގަ އަށް ކުރެވޭ މަސައްކަތް ދެން ބާރަށް، ހަލުވިކޮށް ކުރިއަށް ދާނެ." ކުއިޕާ ޕްރޮޑަކްޝަން އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޒެންޓް ސްޓީވް މެޓަޔާ ވިދާޅުވި އެވެ.


އޭނަ ވިދާޅުވީ ކެނެޑީ ސްޕޭސް ސެންޓަރުގައި ގާއިމުކުރާ ސެޓެލައިޓް ފެސިލިޓީގެ އިތުރުން މި އަހަރުގެ ފަހުކޮޅު ވޮޝިންޓަނާއި ކާކްލޭންޑްގައ ވެސް ފެސިލިޓީތަކެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެމެޒޯންގެ "ކްއިޕާ ޕްރޮޖެކްޓް" ގެ ތެރެއިން ސެޓެލައިޓްތަކުގެ އެހީގައި އިންޓަނެޓް ވިއުގައެއް ބިނާކުރަން މަސައްކަތްކުރާ އިރު، މަހުޖަނު އީލޮން މަސްކްގެ "ސްޓާލިންކް" އިންޓަނެޓް ވިއުގަކީ ވެސް މި ކަހަލަ ވިއުގައެކެވެ. އޭނަގެ ސްޕޭސް އެކްސްގެ މި ޕްރޮޖެކްޓްގެ ދަށިން އިންޓަނެޓްގެ ހިދުމަތް ތައާރަފުކުރީ 2019 ގަ އެވެ.