Last Updated: April 27, 22:41
Saturday, April 27, 2024
ދުނިޔެ

ޓްވިޓާގެ ލޯގޯ ބަދަލު ކުރަން ނިންމައިފި

ޓްވިޓާގެ ލޯގޯ ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކުންފުނި ރިބްރޭންޑްކުރުމުގެ ތެރެއިން މިހާރު ލޯގޯގެ ގޮތުގައި އިންނަ ދޫނި "އުދުއްސައިލަން" ބޭނުންވާ ކަމަށެވެ. އެހެންވެ މިހާރުން މިހާރަށް ވެސް ކަމުދާ ކަހަލަ އާ ލޯގޯއެއް ލިބިއްޖެ ނަމަ، އެ ލޯގޯ އަށް ބަދަލުވާން ބޭނުންވާ ކަމަށް ވިދާޅުވެ "އެކްސް" ހިމަނައި ޓްވީޓެއް ކުރައްވާފައިވެ އެވެ.

ޓްވިޓާގެ ލޯގޯ ބަދަލުކުރަން މަސައްކަތް ފެށި އިރު، މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު ވެސް ލޯގޯ އިން ދޫނި ނަގައި، ކްރިޕްޓޯކަރަންސީގެ ބާވަތެއް ކަމަށްވާ ޑޮޖްކޮއިން ރަމްޒުކޮށްދޭ "ޝިބާ އިނޫ" ކޮއިންގައި އިންނަ ކުއްތާގެ މޫނު ލޯގޯގެ ގޮތުގައި ވަގުތީ ގޮތުން އިރުތަކަކަށް ހިމެނި އެވެ.

އޭރު ޓްވިޓާ އަށް އެ ލޯގޯ ގެނައީ ޑޮޖްކޮއިންގެ އަގު އިންފްލޭޓްކުރި ކަމަށް ބުނެ އީލޮންގެ މައްޗަށް ކުރި 258 ބިލިއަން ޑޮލަރުގެ ދައުވާގެ މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭނަ ޓްވިޓާ ބައްލަވައިގަތް ފަހުން އެއަށް ގެންނަވާ އެކިއެކި ބަދަލުތަކާ ހެދި، ޓްވިޓާ ބޭނުންކުރާ މީހުން ތިބީ ވަރަށް ބޮޑު ހިތްހަމަނުޖެހުންތަކެއްގެ ތެރޭގަ އެވެ. އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.