ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ހެދި އިމާރާތުގެ މަސައްކަތް ނިންމައި އެތަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ހެންވޭރު ދަނޑު ކައިރީގައި ހުންނަ ހ. ފޯވިންޑުގައި ހެދި 10 ބުރީގެ އިމާރާތް ހުޅުވީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ނަމުގަ އެވެ.
އެތަން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެ ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަ އެގްޒެކެޓިވް އޮފިސަރުންނާއި މަރުހޫމް، ސާޖަންޓް އާދަމް ހަލީމްގެ މަންމަ އާއި ބައްޕަ އާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވި އެވެ.
މަރުހޫމް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް ހާއްސަކޮށްފައި ވަނީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށެވެ. އެތަނުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ވެސް ހިމެނެ އެވެ. މި އިމާރާތަށް މިހާރު ވަނީ ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައް ކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އިިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައް ވެސް އާ އިމާރާތަށް ބަދަލުކޮށްފައިވެ އެވެ.
ސާޖަންޓް އާދަމް ހަލީމަކީ ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް ޝަހީދުވި އޮފިސަރަކެވެ.