ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ދަރިފުޅު އިޝާން ޝެޓީ ފިލްމު މޭކިން ކިޔަވަން އިނގިރޭސިވިލާތަށް ގޮސްފި އެވެ.
އޭނަ ކިޔަވަން ހަމަޖެހިފައި ވަނީ ލަންޑަންގެ ސެންޓްރަލް ފިލްމު ސްކޫލުންނެވެ. އެ ތަނުގައި އިޝާން ކިޔަވަން ފަށާތީ ދަރިފުޅު ގޮވައިގެން ލަންޑަނަށް ކުރި ދަތުރުގެ ފޮޓޯއެއް ވެސް ރޯހިތުގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އޭގައި ދެބަފައިން ސެންޓްރަލް ފިލްމު ސްކޫލްގެ ނަން ބޯޑަށް ބަލަހައްޓައިގެން ތިބޭ ތަން ފެނެ އެވެ.
ރޯހިތު، 49، އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. އޭނަ އަކީ މަގުބޫލު "ގޯލްމާލް" ފްރެންޗައިޒާއި "ސިންގަމް" ފްރެންޗައިޒް ގެނެސްދޭ ޑައިރެކްޓަރެވެ. މިދިޔަ އަހަރު ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނު "ސާކަސް" އަށް ފަހު، ރޯހިތު މިހާރު އަންނަނީ އަޖޭ ދޭވްގަނާ އެކީ "ސިންގަމް" ގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" ހަދަން ތައްޔާރީތައްވަމުންނެވެ.
މި ފިލްމު ސީރީޒަކީ އޭނަގެ "ކޮޕް ޔުނިވާސް" ގެ ފުރަތަމަ ބައެވެ. އޭގައި ދެން ހިމެނެނީ ރަންވީރު ސިންގުގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ. އަދި ކޮޕް ޔުނިވާސް އަށް ސިދާތު މަލްއުތުރާއާ އެކީ "އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި ވެބް ސީރީޒެއް ވެސް ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ރޯހިތު މިހާރު ފެންނާނީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 އިންނެވެ. އޭނަ އަކީ އެ ޝޯގެ ހޯސްޓެވެ.