Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ފާރިސް ވެސް ވެރިކަމަށް ކުރިމަތިލަނީ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އުވާލަން ނިންމާވާފައިވާ ޕާޓީ، އެމްއާރްއެމަށް ނިސްބަތްވާ ފާރިސް އަށް ޕާޓީގެ ފަރާތުން އިންތިހާބަށް ނުކުންނެވުމުގައި ހުރަސްތަކެއް ހުރެދާނެ ކަމަށް ބަލައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށްޓައި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.

އެގޮތުން އޭނަގެ ރެކޯޑްތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މި އަހަރުގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރި ކަމެއް ނެތެވެ. އެކަމަކު ހާލަތު ނިޔާކުރާ ގޮތަކުން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ވެރިކަމަށް ވާދަކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ފަހުން ވިދާޅުވެފައިވެ އެވެ.

އީސީން މިހާރު އޮތީ އިންތިހާބަށް ވާދަކުރަން ހުޅުވާލައިފަ އެވެ. އެގޮތުން ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 7 އާ ހަމައަށް އޮންނާނެ އެވެ.