Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ސަމަންތާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފި

އިންޑިއާގެ ބަތަލާ ސަމަންތާ ރޫތު ޕްރަބޫގެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފި އެވެ.

އޭނަގެ އާ ލުކް ވީޑިއޯކުން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު، ސްޓައިލް މިހާރު މާ ރީތި ކަމަށް ބުނެ ވަރަށް ގިނަ ފޭނުން ކޮމެންޓްކޮށްފައިވެ އެވެެ. ނަމަވެސް ލުކަށް މި ގެނައި ބަދަލާ ބެހޭ އެއްވެސް ވާހަކައެއް ސަމަންތާ ހިއްސާކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ދެކުނުގެ ފިލްމުތަކުން މަޝްހޫރުވި ބަތަލާގެ ދިގު އިސްތަނޑު ކުރުކޮށް ކޮށާލާފައި މި ވަނީ ބޮލީވުޑްގެ އެކްޓަރު ވަރޫން ދަވަނާ އެކީ އެކީ ކުޅޭ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ސިޓަޑެން އިންޑިއާ" ގެ ޝޫޓިން ވެސް ދާދި ފަހުން ނިންމައިލުމަށް ފަހު އެވެ. އޭގެ މަސައްކަތް ނިމުނު ވާހަކަ މި މަހުގެ 23 ގައި އިންސްޓަގްރާމް ޕޯސްޓެއްގައި ސަމަންތާ ބުންޏެވެ.

މިދިޔަ އަހަރުން ފެށިގެން ސިއްހީ މައްސަލަތަކެއްގެ ތެރޭގައި ވެސް އުޅޭ 36 އަހަރުގެ ބަތަލާ މި ފަހުން އަންނަނީ ސިއްހީ ގޮތުން ދިމާވެފައިވާ މައްސަލަތަކުން ވެސް އަރައިގަތުމަށް މަސައްކަތްކުރަމުންނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަމަންތާގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި ތާރީހީ ލޯބީގެ ފިލްމު "ޝާކުންތަލަމް" އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކުޝީ" އަދި "ޗެންނާއި ސްޓޯރީ" ހިމެނެ އެވެ.

ސަމަންތާ އަކީ މިދިޔަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް ކުޅުނު ދެކުނުގެ އެކްޓަރު ނާގަ ޗައިތަނިއާގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުން 2017 ގައި ކުރި ކައިވެނި ރޫޅައިލީ 2021 ގަ އެވެ. ނާގަ އަކީ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދަރިއެކެވެ.