މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް ބައިވެރި ނުވެވި، އެ ޕާޓީން އިންތިހާބު ބޮއިކޮޓްކޮށްފި ނަމަ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
"ވަގުތު" ޓީވީގައި އޭނަ ވިދާޅުވީ އުންމީދު ކުރައްވަނީ ޕީޕީއެމަށް އިންތިހާބުގައި ވާދަކުރެވޭނެ މަގެއް ސާފުވުން ކަމަށެވެ. ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު އެ މަނިފާނު މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ ކޯޓް މަރުހަލާއަކުން ވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ މަގެއް އޮތީ ސާފު ނުވެ އެވެ.
ފުއާދު ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ޕީޕީއެމުން ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށާއި ދެކެވަޑައިގަންނަވަން ބޭނުން ވަނީ އެ ޕާޓީ ވެސް ވާދަކުރާ އިންތިހާބެއް އޮތުން ކަމަށެވެ. އެހެންވެ ޕީޕީއެމުން އިންތިހާބު ބޮއިކޮޓްކުރާ ހާލަތަކަށް ދާން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫނީ މި އިންތިހާބަކީ ރައްޔިތުންގެ ބައިވެރިވުން އޮތް އިންތިހާބަކަށް ނުވާނެ. އަދި އިންސާފުވެރި އިންތިހާބަކަށް ވެސް ނުވާނެ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަނީ އެގޮތައް ނުވެ އެއަށްވުރެ ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ. "އެއީ ޕީޕީއެމް އިން ވެސް މި ހުރިހާ ކަމަކާދޭތެރޭ ވަރަށް ފުޅާކޮށް ވިސްނާ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން."
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ހުކުމް އައި އިރު، ޔާމީން ގެންދެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރައްވަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ޔާމީނަށް އެރުވީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގަ އެވެ.
ޔާމީނަށް އައި ހުކުމާ ގުޅިގެން އެއީ "ހަރާން ހުކުމެއް" ކަމަށް ބުނެ އެ މަނިކުފާނު މިނިވަންކުރަން އިދިކޮޅުން އަންނަނީ ޑިސެމްބަރު 25 އިން ފެށިގެން ގޮވަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އީސީން އިއްޔެ ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ގަ އެވެ. އެހެންވެ ޔާމީންގެ މައްސަލައިގައި އޭގެ ކުރިން ގޮތެއް ހޯދުން އިދިކޮޅު ކޯލިޝަނަށް މަޖުބޫރެވެ.