Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

މި ފަހަރު ވެރިކަން ދޭންވީ އިލްޔާސް އަށް: ނަޝީދު

ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކު ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބަކީ ދައުލަތް ހިނގާ ގޮތަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެއީ ވެރިކަމަށް ވަރަށް އެކަށީގެންވާ ޒުވާން ބޭފުޅެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި އިލްޔާސް ގާބިލުކަމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަމަލީ ގޮތުން އުޅުއްވާ ސިޔާސީ ބޭފުޅުންގެ ތެރެއިން، ދައުލަތެއް ހިނގާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނީ، މިހާރު ރާއްޖޭގައި މިއުޅޭ ސިޔާސީ ބޭފުޅުންގެ ތެރެއިން، ބެލެންސް އޮފް ޕޭމެންޓަކީ ކޮބައިކަން، ޑެފިސިޓްއަކީ ކޮބައިކަން، އިންފްލޭޝަން މީ ކިހިނެއްވާ ކަމެއްކަން، އިންޓްރެސްޓް ރޭޓް ބަދަލުކުރީމާ ދެން ސޭވިންގްސްއަށް ވާނީ ކިހިނެއްތޯ، ސޭވިންގްސް އަކީ ކޮބައިތޯ، އަދި ކުންފުންޏެއްގެ ޕްރޮފިޓް އެންޑް ލޮސް އެކައުންޓަކީ ކޮބައިތޯ، ބެލެންސް ޝީޓަކީ ކޮބައިތޯ، އަންއެމްޕްލޯއިމެންޓަކީ ކޮބައިތޯ، ދަރަންޏަކީ ކޮބައިތޯ އަދި ޓެކްސް ޔީލްޑްގެ ވާހަކަ ދެއްކޭނީ ހަމައެކަނި އިލްޔާސް ލަބީބަށް." ނަޝީދު ވިދާޅުވި އެވެ.

ޒުވާނަކަށް ވެރިކަން ދޭން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވަނީ މިހާރުގެ ރައީސް އަދި ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު "މާ މުސްކުޅި ބޭފުޅެއް" ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ޒުވާން އިލްޔާސް ލަބީބުގެ އުމުރުފުރާގައި." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިގުތިސާދީ އަދި ދައުލަތް ހިންގުމުގެ ވާހަކަތައް ކުރު ދެތިން މިނިޓެއްގެ ތެރޭގައި ދެއްކެވޭނެ އިތުރު ބޭފުޅެއް އިލްޔާސް ނޫނީ ނެތް ކަމަށެވެ. އެގޮތުން އޭނަ އަކީ ކަންކަން އެނގިވަޑައިގެން ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި ޓެލެޕްރޮމްޕްޓާ ބޭނުންކުރަން އިލްޔާސްއަށް އެނގިވަޑައިގަންނަވާ ކަމަށާއި އިލްޔާސާއި ޑިމޮކްރެޓްސް އިން ދައްކާނީ ކުރަން އޮތް ކަމެއްގެ ވާހަކަތައް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.