އެންމެ ސަޕޯޓް ބޮޑު ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، އެކަމުގެ ސަބަބުން އެމަނިކުފާނަށް ކުރިމަތިކުރާ ހުރަސްތައް ގިނަގުނަ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު އިއްޔަ ނުދިނުމުން އެކަމާ ގުޅިގެންނެވެ.
އެގޮތުން އާދަމް ޝަރީފް ވިދާޅުވީ، ހަފަރާތުން ގޮންޖެހުންތައް ކުރިމަތި ކުރުވިނަމަވެސް، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިވާނެ ހުރިހާ ދޮރެއްގައި ޓަކިޖަހާނެ ކަމަށެވެ. އަދި ޕީޕީއެމް މަގުމަތި ނުކުރައްވާނެކަމުގެ ފުރިހަމަ އުތުބާރު ރައީސް ޔާމީނަށް އެބައޮތްކަމަށެވެ.
"އެންމެ ސަޕޯޓްބޮޑު ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވާތީ، ކުރިމަތިކުރާ ހުރަސްތައް ގިނަގުނަ." އާދަމް ޝަރީފް ވިދާޅުވިއެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.