ރިޔާސީ އިންތިހާބާ ގުޅޭގޮތުން އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ހިނގަމުންދާގޮތާމެދު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ ހިއްސާކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިނގިރޭސި ސަފީރާ ބައްދަލުކޮށް ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި، އަދި ހުރިހާ ފަރާތްތަކަކަށް ވާދަކުރެވޭ އިންތިހާބަކަށް ވުމަކީ ހުރިހާ ފަރާތްތަކަކަށްވެސް ފައިދާ ބޮޑު ގޮތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން މިނިވަން މުއައްސަސާތަކަށް އަދި ޝަރުއީ ދާއިރާއަށް ވެސް ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކޮށް ސައީދު ވަނީ މިނުރަނގަޅު ސިޔާސީ މަރުހަލާތައް ނިމުމަމަކަށް ގެނައުމަށް ގޮވާލާފައެވެ.
Today we met the British High Commissioner H.E @caron_rohsler to discuss the current political situation in the #Maldives. 🇲🇻🇬🇧
It is the collective interest of all sides to see an inclusive, free and fair election this September.
We expressed serious concerns on government’s…— Mohamed Saeed (@em_saeed) July 23, 2023
ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، އިދިކޮޅު ކޯލިޝަނަށް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާމެދު ސުވާލު އުފެދިފައިވުމެވެ. އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.