އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ރަންވީރު ސިންގްގެ ލައިސްޓައިލް ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ.
ކަރަން ޖޯހަރު ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގައި ރަންވީރު ފެންނާނީ މުއްސަނދި އާއިލާއަކަށް ނިސްބަތްްވާ ވަރަށް ޕޮޝް ލައިފްސްޓައިލެއް ގެންފުޅޭ ވަރަށް ޒަމާނީ ކެރެކްޓާއަކުންނެވެ. މިއަދު ބެލުންތެރިން ތަޅުވައިލި ވީޑިއޯ އިން ވެސް މިކަން އެނގިގެން ދެ އެވެ.
ރަންވީރުގެ މި ވީޑިއޯކޮޅުން ހަނދާން އާކޮށް ދެނީ ކަރަންގެ 2001 ގެ ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގައި ކަރީނާ ކަޕޫރް ކުޅުނު ކިބުރުވެރި ބޮޑާ، އަދި އެހާމެ ތުއި ކެރެކްޓާ، ޕޫ ކެރެކްޓާ ތައާރަފުކޮށް ދޭން ގެނެސްދިން ކަހަލަ މަންޒަރަކާ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އަކީ އާލިއާ ބަޓެވެ. މި ފިލްމުގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލުންތެރިންނަށް ދޫކޮށްލާ ދުވަސް ގާތްވަމުން އަންނަ އިރު، ވަރަށް ފޯރީގައި އަންނަނަމީ ފިލްމު ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން ފިލްމުގެ ލަވަތަކުގެ ތެރެއިން ހަތަރު ވަނަ ލަވަ މިއަދު ދޫކޮށްލާނެ އެވެ. އެ ލަވައިގެ ނަމަކީ "ދިންދޯރާ ބާޖާ ރޭ" އެވެ.
ކުރިން ދައްކައިލި ލަވަތަކަކީ "ތުމް ކިޔާ މިލޭ"، "ވަޓް ތުމްކާ؟" އަދި "ވޭ ކަމްލިއާ" އެވެ.