އައްޑޫގައި މަރުވާ މީހުންގެ ސަންދޯއް އުފުލަން ތިން އުޅަނދެއް ގެނައުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މޭޔަރ އަލީ ނިޒާރު ވަނީ އައްޑޫގައި މިވަގުތު މީހުން ވަޅުލުމުގެ ކަންކަންވެސް އެންމެ އެކަށީގެންވާ އިންތިޒާމެއް ނެތި ކުރިއަށް ދާ ކަމަށެވެ. މިކަން ހައްލު ކުރުމަށް ކައުންސިލުން ކުރަމުންދާ ބައެއް މަސައްކަތްތައް މޭޔަރ ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން މަރުވާ މީހުން އުފުލުމަށް ތިން އުޅަނދެއް ގެނައުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މިއީ ހިތަދޫގައި އެއް އުޅަނދު، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫއަށް އެއް އުޅަނދު އަދި ހުޅުމީދޫއަށް އެއް އުޅަނދެވެ.
" އެވެހިކަލްތައް ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއްގެ ފަރާތުން ޑޮނޭޝަނެއް ގޮތުގައި ލިބޭނެ ކަމަށް އިޝާރާތެއް ވެފައި އޮތުމުން، އިއުލާން ކުރުން ލަސްކޮށްގެން މިތިބީ. އެހެން ނޫންނަމަ މިހާރު އެ 3 ވެހިކަލަށް ވެސް އިއުލާން ކުރެވުނީސް. ކައުންސިލުގައި އެކަމަށް ބަޖެޓު އެބަހުރި " ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނީޒާރު ވިދާޅުވީ، މީހުން ވަޅުލުމުގެ މަސައްކަތަކީ އެންމެ ރަނގަޅަށް ކުރެވެން ޖެހޭ އެއް މަސައްކަތަށް ވާއިރު އެކަމުގައި ރަނގަޅު އިންތިޒާމެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރުމަށް ހިތަދޫ ހިނަވާގޭގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަރަދޫގެ ހިނަވާގޭ ކުރިއަށް މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަރަދޫ-ފޭދޫ ފޭދޭ އަދި ހުޅުދޫ އަދި މީދޫގައިވެސް ހިނަވާގެ އެޅުމުގެ މަސައްކަތް މިއަންނަ އަހަރު ފެށުމުގެ ކުރިން މަސައްކަތް ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގައި މިވަގުތު މަރުފާ ފަރާތްތަކުގެ ސަންދޯކު ސަހަރާއަށް އުފުލުމަށް ބޭނުން ކުރަނީ ހޮސްޕިޓަލްގެ އެމްބިއުލާންސްއެވެ. އައްޑޫގެ އަވަށްތަކުގައި ސަހަރާގައި ހިނަވާގެ ހެދުމަށް ކައުންސިލުން ނިންމާފައިވާއިރު، މިހާރު އާންމު ގޮތެއްގައި މަރުވާ މީހާ ހިނަވާ ކަންކަން ކުރަނީ އެ ގެއެއްގައެވެ.