ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ދޯނޯ" ގެ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮކްޑަޝަނުން ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާފައިވާ މި ލޯބީގެ ފިލްމުގައި ރަޖްވީރާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން އެވެ. ސަނީ އާއު ޕޫނަމް "ސަމަންދަރު" ފަދަ ފިލްމުތަކުގައި އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންނަށްވާތީ އެ ދެ މީހުންގެ ދަރިންތަކެއްގެ ކެމިސްޓްރީ ފިލްމަކުން ބަލާލަން ލިބުމަކީ ފޭނުންނަށް ޔަގީނުން ވެސް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.
"ދޯނޯ" ގެ ޓީޒާ މާދަމާ އާންމުކުރާނެ އެވެ. އެކަމަކު މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.