މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ބުދަ ދުވަހުގެ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ.
ރައީސުލްޖުހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މި ޖަލްސާގައި މި އަހަރު ޤައުމީ އިނާމު ހާސިލު ކުރައްވާ ފަރާތްތަކަށް އިނާމު ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ހާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.
ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ، 4 ބޭފުޅަކަށާއި، ކުންފުންޏަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް ލިބޭއިރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ފަރާތެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.
މީގެއިތުރުން 1 ވަނަ ދަރަޖައިގައި ފާސްވި 10 ހާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ލިބެއެވެ.