އައްޑޫގައި ބިނާކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމުފެ ރަސްމިއްޔާތު މިނިވަން ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން ބުދަ ދުވަހު ހެނދުނު 8:50 ގައި އެކަމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައި ދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
އައްޑޫ އިސްލާމޫ މަރުކަޒު ބިނާކުރަން ހަމަޖެހިފައި ވަނީ ކުރިން ހިތަދޫގައި ޕޮލިސް ޓްރެއިނިން ސްކޫލް ހިންގި ތަނުގަ އެވެ.
އައްޑޫ އިސްލާމީ މަރުކަޒު ހަދަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ފިޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މާޗް 24 ގަ އެވެ.
ހިތަދޫގައި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ބައްލަވާ ލައްވައިފި pic.twitter.com/1sG3O3OisP
— Ministry of Islamic Affairs (@MVIaffairs) March 24, 2023
އައްޑޫ އިސްލާމީ މަރުކަޒަކީ 55.52 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.