ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
ޕީޕީއެމްއިން މިއަދު ބުނެފައިވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަސް ތޮލާލް ހަމަޖައްސާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުވެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން އަންނަނީ އިންތިހާބަށް ވާދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، އިދިކޮޅު ކޯލިޝަނަށް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާމެދު ސުވާލު އުފެދިފައިވުމެވެ. އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް އިދިކޮޅުން މައްސަލައެއް ހުށަހެޅިނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައެއްނުވެއެވެ.