ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް އެމްއާރްއެމްގެ ރައިސް އަހުމަދު ފާރިސް މައުމޫން ފައްޓަވައިފިއެވެ.
ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާ، އެޕްލިކޭޝަން ހުށަހެޅުއްވުމަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރައްވަމުންނެވެ.
އެމްއާރްއެމްގެ ނަމުގައި ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމުމުން ސިވިލް ކޯޓުން ވަނީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ވަގުތީ އަމުރެއް ނެރެފައެވެ. އަދި އެމްއާރްއެމް އުވާލުމާ ގުޅޭ މައްސަލަ ސިވިލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް ފައްޓަވާފައިވަނީ އެމްއާރްއެމްގެ މައްސަލަ ކޯޓުގައި އޮތުމުން އެކަން ނިމޭނެ ސީދާގޮތެއް ނޭންގޭތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ހުޅުވާލާ ކުރި އިއުލާނުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން އީސީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.