އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގްގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަންގެ މެންބަރުން މިއަދު ފާސްކޮށްފިއެވެ.
ރިޔާސީ އިންތިހާބަށް ދެ މަހަށް ކައިރިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދަށް މެންބަރުންގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކުރިނަމަވެސް ފުއާދް އެ މަގާމަކުން ވަތްކެއް ނުވާނެއެވެ.
އެގޮތުން އީސީގެ މެންބަރުން މަގާމުން ވަކިވާނެ ގޮތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބުނެފައިވަނީ، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތަލެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމުތަކާބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލައްބިޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަންގެ ބައެއް މެންބަރުން ވަނީ ފުއާދަށް ވަރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް މިއަދު ފާސްކުރިއިރު، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައިވަނީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ. އަދި ފުއާދްގެ އިތުބާރު ނެތްކަމަށް ވޯޓު ދީފައިވަނީ، ޑރ. މުހައްމަދު ޒާހިރު، މުހައްމަދު އާސިފް އަދި އަލީ ނަޝާތެވެ.
ފުއާދް ބައިވެރިވާ ޖަލްސާތަކުގައި އަދި ހަރަކާތްތަކުގައި މި ތިން މެންބަރުން ބައިވެރިނުވާތާ ދުވަސްކޮޅެއް ވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.