ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން މައިކްރޯ ފައިނޭންސިންގް ލޯން ސްކީމެއް ފުވައްމުލަކު ސިޓީ ކައުންސިލުން ތަޢާރަފްކޮށްފިއެވެ.
މި ލޯން ސްކީމް ތަޢާރަފްކޮށްފައިވަނީ މިއަދު މިކަމަށްޓަކައި ފުވައްމުލަކުގެ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމީއްޔާތެއްގައެވެ. މި ސްކީމަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާފައިވާ ލޯން ސްކީމެކެވެ. އެގޮތުން ލޯން ސްކީމުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް 50،000ރ. އާއި ހަމައަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
ސްކީމް ލޯންޗު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ، މި ސްކީމުގެ ބޭނުމަކީ މިހާރު ވިޔަފާރި ކުރާ ފަރާތްތަކަށާއި އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން މި ސްކީމް ފެށުމުގެ ބޭނުމަކީ ހަމައެކަނި ބަޔަކަށް އެހީވުމަށް ވުރެ ބޮޑަށް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް، ލޯނު އަނބުރާ ހޯދައި އަދި ފަނޑުގެ ރައުސޫމާލު އިތުރު ކުރަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުން ފެށިގެން ލޯން އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ ވިޔަފާރިތަކަށް ހާއްސަކޮށް ރާއްޖޭގެ ކައުންސިލަކުން ލޯން ސްކީމެއް ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ. މި ސްކީމަށް އެދޭ ފަރާތތަކުން ކޮލެޓްރަލް ދައްކަން ނުޖެހޭއިރު، އިދާރީ ފީއެއްގެ ގޮތުން އަނބުރާ ލޯން ދައްކާއިރު ދޭން ދައްކަން ޖެހެނީ ލޯން ޖުމްލަ އަދަދުގެ 5 އިންސައްތައެވެ. އަދި ލޯން އަނބުރާ ދައްކަން ފެށުމުގެ ކުރިން 3 މަހުގެ ގްރޭސް ޕީރިއަޑެއް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިއަހަރު ލޯނު ދިނުމަށް ކަނޑައެޅިފައިވާ ޖުމްލަ ރައުސޫމާލަކީ 1 މިލިއަން ރުފިޔާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޖުމްލަ ރައުސޫމާލުގެ 40 އިންސައްތަ އަންހެނުން ހިންގާ ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ލޯން އުސޫލުގައި ވަނީ ހިމަނާފައެވެ. ސިޓީ ކައުންސިލުން ވަނީ ލޯނަށް އެދުމަށް އެންމެ ފޯމެއް ފުރާލުމުން ބާކީ ވެރިފިކޭޝަން މަސައްކަތް ކައުންސިލުން ކުރިއަށް ގެންގޮސް ލޯން އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ސްކީމަށް ކުރިމަތިލާން 14 ދާއިރާއަކުން ވަނީ ހުޅުވާލާފައެވެ. މިއީ މިވަގުތު ފުވައްމުލަކުގައި ކުރާ އަދި ކުރެވޭނެ ހުރިހާ ވިޔަފާރީގެ ދާއިރާއެއް ހިމަނިފައިވާ ސްކީމެއް ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެއެވެ. މި ސްކީމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލިއިރު އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.