Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އެމްބާޕޭ އަށް ސައުދީން 300 މިލިއަން ޔޫރޯގެ ހުށަހެޅުމެއް

ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ގެންނަން ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން 300 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ޕީއެސްޖީ އަށް ހުށަހަޅައިފި އެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. ޕީއެސްޖީން ވަނީ ކޮންޓްރެކްޓް އާނުކުރާނަމަ މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ވިއްކާލުމަށް ނިންމައިފަ އެވެ. އެގޮތުން ޕީއެސްޖީން ޖަޕާން އަދި ދެކުނު ކޮރެޔާ އަށް ކުރާ ޕްރީ ސީޒަން ޓުއާ އަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލް ހިލާލް އިން އޮތީ މުސާރައިގެ ގޮތުގައި އަހަރަކު 700 މިލިއަން ޔޫރޯ އެމްބާޕޭ އަށް ހުށަހަޅަން ތައްޔާރަށެވެ. އަލް ހިލާލް އިން ހުށަހެޅި ބިޑު ޕީއެސްޖީން ގަބޫލުކޮށްފައިވާއިރު ޕީއެސްޖީން މިހާރު ވަނީ ޓްރާންސްފާއާ ގުޅޭގޮތުން އެމްބާޕޭއާ ވާހަކަ ދެއްކުމުގެ ހުއްދަ އަލް ހިލާލަށް ދީފަ އެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް ނިންމީ އަންނަ ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމަށްޓަކަ އެވެ. ނަމަވެސް މި ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި އަންނަ ސީޒަނުގައި ވެސް ހުންނާނީ ޕީއެސްޖީގައި ކަމަށް އެމްބާޕޭ މީގެކުރިން ވަނީ ބުނެފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ބަދަލުވާން ހަމައެކަނި ބޭނުންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 34 މެޗުގައި 29 ގޯލު ކާމިޔާބުކޮށް އެ ކްލަބަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ. މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. މެސީ ބަދަލުވީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށެވެ.