ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން ހޯދި ކުރިއެރުންތައް ދައްކުވައިދޭ "ސެންޓަ އޮފް އެކްސަލެންސް ފޮ ޕަބްލިކް ސޭފްޓީ" ހުޅުވައިފި އެވެ.
އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މި މަހުގެ 20 ގައި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ސެންޓަރ ހުޅުއްވައި ދެއްވީ ޔޫއޭއީގެ ހެޑް އޮފް ސައިބަ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ އާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދެވެ.

"ސެންޓަ އޮފް އެކްސަލެންސް ފޮ ޕަބްލިކް ސޭފްޓީ" ގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި މެޝިން ލަރނިން ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުން ކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ ޕްލެޓްފޯމްތަކެކެވެ.
އެގޮތުން، ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށް ދިނުމުގެ އިތުރުން ސައިބރ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް ސެންޓަރުގައި ހިމެނެ އެވެ.
މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ ބަވަނަވެފައިވާ ދުނިޔެ އެއްގައި އެކަށީގެންވާ އަވަސް މިނެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެއްގެ ހައިސިއްޔަތުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުން ވާނޭ ވަސީލަތްތަކާއި ގާބިލިއްޔަތުކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މި ސެންޓަރާއެކު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންނާނެ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މި ސެންޓަރަކީ އެ މަސައްކަތައް މިހާރު ލިބިފައިވާ ކުރިއެރުންތައް ދައްކުވައި ދޭން ގާއިމުކުރި ސެންޓަރެކެވެ. މިތަން ވުޖޫދުކުރުމުގައި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏެއް ކަމަށްވާ "ޕްރީސައިޓް" އެވެ.
އެ ކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.