Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރަނިންމޭޓެއްގެ އިހުތިޔާރު ޔާމީނަށް ދޫކޮށްލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާއިރު، ރަނިންގް މޭޓެއް ކަނޑައެޅުމުގެ ކަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެޕާޓީން ދޫކޮށްލައިފިއެވެ.

މިވަގުތު 11 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމުގައި ކަރެކްޝަން އެހީތެރިކަމާއިއެކު އެމަނިކުފާނު ވަނީ ސޮއިކޮށްފައެވެ. މިއާއެކު އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ކުރިން ރަނިންގް މޭޓެއް ކަނޑައަޅަން ޖެހޭއިރު، އެމަނިކުފާނުގެ ރަނިންގްމޭޓަަކަށް ބޭފުޅަކު އައްޔަން ކުރި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާއި ގުޅިގެން ޔަމީންގެ އިންތިހާބީ އޭޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ރަނިންގް މޭޓު ކަނޑައެޅުމުގެ އިޙްތިޔާރު ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން އޮންނަނީ ކެންޑިޑޭޓަށް ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕުން ނަންތަކެއް ފޮނުވައި ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިރޭ ލީޑާޝިޕުން ވަނީ ވަކި ނަންތަކެއް ނުދޭ ގޮތަށް ނިންމައި، އަސާސީ ޤަވާއިދާއި އެއްގޮތަށް އެކަން ކެންޑިޑޭޓުގެ އިޙްތިޔާރަށް ދޫކޮށްލުމަށް ނިންމާފައި ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި މިކަން ރައީސް ޔާމީނަަށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު މީޑިއާތަކުގައި ރައީސް ޔާމީންގެ ރަނިންގް މޭޓެއް ކަނޑައެޅިފައިވާ ކަމަށް ފެތުރުނަމަވެސް އަދި މިހާތަނަށް ކަނޑަނޭޅޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ވ. އާރަށުގެ މައްސަލާގައި ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ހަމައެކަނި ހާލަތަކީ މިވަގުތު ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފުގެ މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ނިންމިގެންނެވެ. ނަމަވެސް މިވަގުތު ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީއަށް ދިއުމުން މައްސަލަ ކުރިއަށް ނުގޮސް ވަނީ މަޑު ޖެހިފައެވެ. މިއާއެކު ޤާނޫނުގައި ވާ ޝަރުތު ފުރިހަމަ ނުވާތީ ވާދަ ކުރުމުގެ ފުރުސަތު އޮތީ ހަނިކޮށެވެ.