Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

މަޔާމީގެ ކެޕްޓަންކަން މެސީ އަށް

އެމެރިކާ ލީގުގެ އިންޓަ މަޔާމީގެ ކެޕްޓަންކަން އެ ކްލަބާއި ދާދިފަހުން ގުޅުނު އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އަށް ދީފި އެވެ.

އިންޓަ މަޔާމީ އަށް މެސީ ކުޅެދިން ފުރަތަމަ މެޗުގައި އޭނާ ކުޅެން އެރީ ދެވަނަ ހާފްގައި ބެންޗުންނެވެ. ބެންޗުން ކުޅެން އެރުމާއެކު މެސީ އަށް ކެޕްޓަން ބޭންޑް ހަވާލުކުރިއިރު ކްރުޒް އަޒުލް އަތުން 2-1 އިން މަޔާމީ ވަނީ އެ މެޗުން މޮޅުވެފަ އެވެ. އެ މެޗުގައި މަޔާމީ މޮޅުވި ގޯލު ފަހު ވަގުތުކޮޅުތެރޭ ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ވެސް މެސީ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޔާމީގެ ކެޕްޓަންކަމުގައި މެސީ ދެމި ހުންނާނެތޯ ސުވާލުކުރުމުން މަޔާމީގެ ކޯޗު ޓާޓާ މާޓީނޯ ބުނީ އެންމެފަހުން ކުޅުނު މެޗުގައި ވެސް ކުޅެން އެރުމާއެކު ޓީމުގެ ކެޕްޓަނަކީ މެސީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ކްލަބުގެ ކެޕްޓަންކަން އަދާކުރާނީ މެސީ ކަމަށެވެ.

މަޔާމީގެ ކެޕްޓަންކަން އަދާކުރަމުން މީގެކުރިން އައި މިޑްފީލްޑަރު ގްރެގަރީ އެވެ. ނަމަވެސް ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ މިވަގުތު ހުރީ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު މެސީ މަޔާމީއާ ގުޅުނުއިރު އޭނާއާއެކު ބާސެލޯނާގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ވެސް ވަނީ އެ ކްލަބާއި ގުޅިފަ އެވެ.