Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

މީނާ ކުމާރީގެ ބައޮޕިކް ހަދާކަން ކަށަވަރުކޮށް ދީފި

ހިންދީ ސިނަމާގެ ކުރީގެ ބަތަލާ މީނާ ކުމާރީގެ ބައޮގްރަފިކަލް ޑްރާމާ ހަދަން އުޅޭކަން އެ ފިލްމުން ޑައިރެކްޝަނަށް ނުކުންނަ އިންޑިއާގެ ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ކަށަވަރުކޮށް ދީފި އެވެ.

ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މީނާ ކުމާރީގެ ބައޮޕިކް ހަދަނީ އޭނައާ ބެހޭ ގޮތުން ކުރިން ލިޔެފައިވާ ފޮތްތަކުގައި ގެނެސްދީފައި ހުރި ވާހަކަތަކަށް ރިއާޔަތްކޮށް ސްކްރީންޕްލޭ ލިޔެގެން." އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ މަނީޝް ބުންޏެވެ.

އެކަމަކު ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އެއާ ބެހޭ އިތުރު ވާހަކަތަކެއް އޭނަ ހާމައެއް ނުކުރެ އެވެ. މީނާ ކުމާރީގެ ބައޮޕިކް ހަދާނީ މަނީޝްގެ ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކްރިތީ ސެނަން އެވެ.

މީނާ ކުމާރީގެ ބައޮޕިކް ހަދަން އުޅޭކަން މަނީޝް ކަށަވަރުކޮށް ދިން އިރު، މީނާ ކުމާރީގެ ދަރިފުޅު ތަޖުދާރު އަމްރޯހީ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެ މައްސަލައިގައި ކޯޓަށް ދާނެކަމުގެ އިންޒާރު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދީފަ އެވެ. އޭނަ ބުނެފައި ވަނީ އެ ފިިލްމު ހަދަން އުޅެނީ އާއިލާގެ އެއްވެސް ހުއްދައެއް ނެތި ކަމަށާއި އެގޮތަށް ހަދާ އެއްޗެއްގައި ހަގީގަތާ އެއްގޮތް އެއްވެސް ކަމެއް ނުހުންނާނެ އެވެ. އަދި މި ސަބަބާ ހުރެ އެ ފިލްމު ހަދަން އުޅެނީ ވަގުންތަކެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ވަރަށް ޒުވާން އުމުރުގައި ހިތްދަތި ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނު މީނާ ކުމާރީ އަކީ "ޓްރެޖެޑީ ކްއީން" ގެ ގޮތުގައި ސިފަކުރާ ބަތަލާއެކެވެ. އުމުރުން އެންމެ 38 އަހަރުގައި 1972 ގައި މަރުވި ބަތަލާ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ.