ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައިގެ ޕްރީމިއަމް ސަބްސްކްރިޕްޝަންގެ ފީތައް ބޮޑުކުރަން ފަށައިފި އެވެ.
އެގޮތުން މިހާރު އެމެރިކާ އާއި އޮސްޓްރޭލިއާ އިން ނަގާ ފީ ވަނީ ބޮޑުކޮށްފަ އެވެ. ފީތައް ބޮޑުކުރަން ނިންމި ގައުމުތަކުގެ ތެރޭގައި 54 ގައުމެއް ހިމެނެ އެވެ. އަދި ފީތައް ބޮޑުކުރަނީ އެ ގައުމުތަކުގެ ސަބްސްކްރައިބަރުނަށް ދުރާލައި މަސް ދުވަސް ކުރިން އެކަން އަންގައިފައި އެވެ.
ސްޕޮޓިފައި އިން ބުނި ގޮތުގައި ޕްރީމިއަމް ސަބްސްކްރިޕްޝަންގެ ފީތަކުން ގާތްގަނޑަކަށް 2 ޑޮލަރަށް ބޮޑުވާނެ އެވެ. މިފަދަ ބަދަލެއް ގެންނަން ނިންމި ނިންމުމާ ބެހޭ ގޮތުން ސްޕޮޓިފައި އިން ބުނީ އެ ހިދުމަތް ލޯންޗްކުރި ފަހުން، ހިދުމަތާއި ވިޔަފާރި އަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެކަންކަމަށް ރިއާޔަތްކޮށް، ދެމެހެއްޓިނިވި ގޮތަކަށް ހިދުމަތް ދޭން ފީ އަށް ބަދަލުތަކެއް ގެންނަން ޖެހުނީ ކަމަށެވެ.
ސްޕޮޓިފައ އިން ބުނީ ގެންނަ މިފަދަ ކޮންމެ ބަދަލާ އެކީ އެ ބޭނުންކުރާ މީހުންނާއި އެއަށް ބަރޯސާވާ އާޓިސްޓުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މިއުޒިކް ސްޓްރީމިން ހިދުމަތުގެ އިތުރުން މިހާރު ފުޅާކޮށް ޕޮޑްކާސްޓްގެ ހިދުމަތް ވެސް ދޭ ސްޕޮޓިފައިގެ ހިދުމަތް ސްވިޑްން އިން ލޯންޗްކުރީ މީގެ 14 އަހަރު ކުރިން 2008 ގަ އެވެ. އަދި އެ ބޭނުންކުރާ މީހުންގެ އަދަދު 527 މިލިއަނަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި ފީ ދައްކައިގެންނާއި ހިލޭ ސްޕޮޓިފައި ބޭނުންކުރާ މީހުން ވެސް ހިމެނެ އެވެ.