Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އީސީ މެންބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އަލީ ނަޝާތު- ފޮޓޯ: ސަން / ފަޔާޒް މޫސާ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތުގެ މެންބަރު ކަމުގެ ދައުރު ހަމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބުނެފައިވާގޮތުން އެ ކޮމިޝަނަށް އައްޔަނު ކުރެވޭ މެންބަރެއްގެ ދައުރުގެ މުއްދަތަކީ 5 އަހަރެވެ.

ނަޝާތުގެ މެންބަރު ކަމުގެ ދައުރު މިއަދު ހަމަވެފައިވާއިރު، އެ މަގާމަށް މެންބަރަކު އައްޔަނު ކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި މައްސަލަ އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ތާށިވެފައެވެ.

އީސީއަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލަ ރައީސް ސޯލިހް މަޖިލިހަށް ފޮނުއްވާފައިވަނީ 25 މޭ ގައެވެ. ރައީސް ގެ ސިޓީގައި އެ ކޮމިޝަނަށް އައްޔަނު ކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ފަރާތެއްގެ ގޮތުގައިވެސް އޮތީ އަލީ ނަޝާތެވެ.

ކޮމިޝަން މެންބަރުކަމުގެ ދައުރު ހަމަވިއިރު، ނަޝާތު ހިމެނޭހެން ކޮމިޝަނުގެ ތިން މެންބަރަކު ވަނީ އީސީގެ ރައީސް ފުއާދް ތައުފީގްގެ އިތުބާރު ނެތްކަމަށްވެސް ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރިނަމަވެސް ފުއާދް މަގާމުން ވަތްކެއް ނުކުރެވޭނެއެވެ.