Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ ލަފާ ވަރަށް ސީރިއަސްކޮށް ނަގަން

ފިލްމީ ކެރިއަރު މިހާރު ބައްޓަން ކުރުމުގައި އަންހެނުން ބަތަލާ ކެޓްރީނާ ކައިފް ދޭ ލަފަ އާއި މަޝްވަރާތައް ވަރަށް ސީރިއަސްކޮށް ނަގާ ނަމަ އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.

މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ހުނަރުވެރި އެކްޓަރު ފިލްމު ކޮމްޕޭނިއަންގައި ވާހަކަ ދައްކަމުން ބުނީ ކަމަކާ ގުޅޭ ގޮތުން ކެޓްރީނާ ލަފައެއް ދީފި ނަމަ އެކަން ވަނީ ވަރަށް މުހިއްމު ކަމަކަށް ކަމަށެވެ. އަދި އޭނަގެ ފަރާތުން ލިބޭ ކޮންމެ ލަފައަކާއި މަޝްވަރާ އަކީ ވަރަށް ބޭނުންތެރި އެއްޗަކަށްވާ ކަމަށް ވެސް ވިކީ ބުންޏެވެ.

"އެހެންވެ އަހަރެން ވަރަށް ސީރިއަސްކޮށް ކެޓްރީނާގެ ވާހަކަތައް ނަގަން. އަހަންނަށް އެނގޭ ވަރަށް ވިސްނާފައި ނޫނީ އަދި ތަޖުރިބާގެ އަލީގައި ނޫނީ އަހަންނަށް އަންހެނުން ލަފައެއް ނުދޭނެކަން." މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކެޓްރީނާގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އައި 35 އަހަރުގެ އެކްޓަރު ބުންޏެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ 2019 ގެ ފަހުކޮޅު އެވެ. އޭގެ ފަހުން މި ދެމަފިރިންވެފައި ވަނީ ބޮލީވުޑްގެ "ވަރަށް ލޯބި" ޖޯޑަކަށެވެ. އަދި ފަހަކަށް އައިސް ހުރިހާ އިންޓަވިއުތަކެއްގައިހެން ކެޓްރީނާ އަށް ތައުރީފުކޮށް، ސަނާ ކިޔުމަކީ ވިކީގެ ވަރަށް ބޮޑު އާދައެކެވެ.

ފިލްމު ކޮމްޕޭނިއަންގައި ވެސް އެކަން ތަކުރާރުކުރަމުން އޭނަ ބުނީ ކެޓްރީނާ މިހާރު ހުރިހާ ހިސާބަށް އައީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އޭނަގެ ފިލްމީ ދަތުރަކީ ބޮޑު ފިލާވަޅެއް ކަމަށެވެ. އަދި ވިކީ ވަނީ ހެމާ މާލިނީ އާއި ރޭކާ ފަދަ ބަތަލާއެއްގެ ދަރަޖަ ވެސް އަންހެނުންނަށް ދީފަ އެވެ.

ވިކީ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ކެޓްރީނާގެ ފަރާތުން ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ދަސްވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. ކެޓްރީނާ އަކީ ބޮލީވުޑްގައި ނެށުމުގެ ހުނަރަށް އެންމެ ފާހަގަކޮށްލެވޭ އެކެވެ.

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އަށް ފަހު، ވިކީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދުންކީ"، "މޭރޭ މެހެބޫބު މެރޭ ސަނަމް" އަދި "ގްރޭޓް އިންޑިއަން ފެމިލީ" ހިމެނެ އެވެ.

ކެޓްރީނާގެ ދެ ފިލްމެއް ރިލީޒްވާން އެބައޮތެވެ. އެއީ ނޮވެމްބަރަށް އޮތް "ޓައިގާ 3" އާއި ޑިސެމްބަރަށް އޮތް "މެރީ ކްރިސްމަސް" އެވެ.