ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތުގައި އެންމެ ނަގާކިޔާ ބަޔަކީ މީޑިއާނެޓެވެ. މި ހިދުމަތް ދޭ އެހެން ކުންފުނިތަކެއް ވެސް މިހާރު ރާއްޖޭގައި އެބަ ހަރަކާތްތެރިވެ އެވެ. އެހެންވެ ވާދަވެރިކަން ވެސް މިހާރު އެބައޮތެވެ.
އެހެންވީމާ މީޑިއާނެޓްގެ ހިދުމަތް ހޯދާ މީހުން އެ ހިދުމަތުގައި ދެމިތިބީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ގަބޫލުކުރާނެ ހަމައެއް މިހާރަކު ނެތެވެ. ދައްކަން އޮތީ މި ކުންފުންޏާ ދޭތެރޭ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. މީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރަން ބޭނުން ވަނީ މީޑިއާނެޓްގެ ހިދުމަތް ހޯދާ އައްޑޫ ކަސްޓަމަރުންނަށް ދިމާވަމުންދާ ތުރާތަކުގެ ވާހަކަ އެވެ.
އެގޮތުން ދެ ތިން ކަސްޓަމަރެއްގެ ފަރާތުން ހިއްސާކުރި ބައެއް ކަންކަން ވަކިވަކިން މި އާޓިކަލްގައި ހިމަނައިލާނަމެވެ.
ފުރަތަމަ ކަސްޓަމަރުގެ ކަންބޮޑުވުމަކީ މިއެވެ؛ މިދިޔަ އަހަރުގެ މެދު ތެރޭގައި ފޭދޫ ގެއަކަށް އަޅާފައި އޮތް ކޭބަލެއް ފެނަކަ މީހުން މަގު ކޮންނަނިކޮށް ބުރިވުމުން، އަލުން ކޭބަލް އަޅައިދޭން މީޑިއާނެޓްގައި އެދިގެން އުޅޭތާ މިހާރު އަހަރެއް ވަނީ އެވެ.

މައްސަލަ ރިޕޯޓްކުރި ގެއަށް މީޑިއާނެޓްގެ އޮފިޝަލަކު އެންމެ ފަހުން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އަހަރު ނިމި ރޯދަ މަސް ވެސް ކައިރިވަމުން އަންނާތީ ރޯދައިގެ ކުރިން ކޭބަލް އަޅައިދޭން އެދުނެވެ. އެކަމަކު ރޯދަ މަސް ނިމިގެން ދިޔަ އިރު، ވެސް ކޭބަލް އަޅައެއް ނުދެވުނެވެ.
އަނެއްކާ ވެސް އެތައް ފަހަރެއްގެ މަތިން މީޑިއާނެޓަށް މި މައްސަލަ ރިޕޯޓްކުރި އެވެ. އެއިން ކޮންމެ ފަހަރަކު ދޭ ޖަވާބަކީ އައްޑޫ ސިޓީ ކައުންސިލުން މަގު ކޮންނަން ހުއްދަ ނުދީގެން ކޭބަލް ނޭޅީގެން އުޅެނީ ކަމަށެވެ. މި ޖަވާބު މީޑިއާނެޓުން ދޭތާ އަހަރެއް ވާން ގާތްވެފައިވާ އިރު، އަދިވެސް އެ ކުންފުންޏަކަށް ކޭބަލް އަޅައި ދެވޭނެ ދުވަހެއް ނޭނގެ އެވެ.
ދެން އެހެން ކަސްޓަމަރެއްގެ ވާހަކަ އެވެ. ނަގާފައި އިންނަނީ އައްޑޫގެ އެންމެ ބޮޑު ޕެކޭޖެވެ. އެއީ 432ރ. އެވެ. އެ ޕެކޭޖްގައި ކުރިން މުންނާރު ޓީވީ އާއި ހަމް ޓީވީ އިނދެ އެވެ. މި އަހަރުގެ ކުރީކޮޅު މި ޗެނަލްތަކަށް ކުލަބަރި އަޅުވައިގެން އުޅޭތީ ކުރިން ހީކުރީ މައްސަލައެއް ދިމާވެގެން ވަގުތީ ގޮތުން ޗެނެލްތައް ނުފެންނަނީ ކަމަށެވެ.
އެކަމަކު މި ދެ ޗެނެލް ނުފެނި އެތައް މަހެއްވާން ފެށުމުން ސުވާލުކުރުމުން މީޑިއާނެޓުން ބުނީ ޓެކްނިކަލް މައްސަލައެއް އުޅެނީ ކަމަށެވެ. ދެން އެ ބުނާ ޓެކްނިލް މައްސަލަ ހައްލުވާނެ ކަމަށް އުންމީދުކޮށްގެން ހުންތަނާ އެތައް ދުވަހެއް ވީ އިރު ވެސް، އެ ޗެނެލްތައް އަލުން ފެންނަ ވަރެއް ނުވެ އެވެ. އެކަމާ ދެން ސުވާލުކުރުމުން މީޑިއާނެޓުން ބުނީ ދެ ޗެނެލް މިހާރު ޕެކޭޖްގައި ނެތީ ކަމަށެވެ.
މިހާރު އަނެއްކާ އޭގެ ފަހުން ސްޓާ ވިޖޭ ޗެނަލަށް ވެސް އޮތީ ކުލަބަރި އަރުވައިފަ އެވެ. އެ ވެސް ޕެޖޭކުން ގެއްލުނީތޯއްޗެވެ. ޕެކޭޖްގައި ހިމެނޭ ޗެނެލްތައް މަދުކުރާ އިރު، ޕެކޭޖަށް ނަގާ އަގު މީޑިއާނެޓުން ކުޑަ ނުކުރެނ ކޯޗެއްވެގެން ހެއްޔެވެ؟

ދެން އެހެން ކަސްޓަމަރެއްގެ ވާހަކަ އެވެ؛ މީގެ ހަފުތާއެއް ކުރިން ސިގްނަލް މައްސަލަ ޖެހިގެން އެއްވެސް ޗެނަލެއް ބެލޭވަރެއް ނުވެ އެވެ. މި މައްސަލަ ރިޕޯޓްކުރުމުން އެކަން ބަލައިދޭން ޓެކްނީޝަނަކު ފޮނުވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ. އޭގެ ފަހުން މިހާރު ހަތަރު ދުވަސްވެއްޖެ އެ ބުނާ ޓެކްނީޝަނަކު ހަބަރެއް ނުވެ އެވެ. މިކަމާ ތަކުރާރުކޮށް ސުވާލުކުރުމުން ދެނީ ހަމަ އެއް ޖަވާބެކެވެ.
އެންމެ ފަހުން ކަސްޓަމަރު އެދުނީ ޕެކޭޖް ހޯލްޑްކޮށްފައި ނަގާފައި އިން ޕެކޭޖް އެންމެ ދަށް ޕެކޭޖަށް ބަދަލުކޮށް ދިނުމަށެވެ. ނަގާފައި އިން ޕެކޭޖަށް އެންމެ ފަހުން ފައިސާ ދެއްކީ މި މަހުގެ 21 ގަ އެވެ. އަނެއްކޮޅު މި ކަސްޓަމަރަށް އެޑްވާންސްކޮށް ފައިސާ ވެސް ދެއްކިފައި އޮތުމުން، ޕެކޭޖް 150ރ. ގެ ޕެކޭޖަށް ބަދަލުކޮށް، އެޑްވާންސް ޕޭމަންޓް ކުރިއަށް އޮތް ދެ މަހަށް ބަދަލުކޮށް ދޭން އެދުނެވެ. މި ކަސްޓަމަރު ނަގާފައި އޮންނަނީ 432ރ. ޕެކޭޖެވެ.
މިކަމާ ގުޅިގެން މީޑިއާނެޓުން ބުނަނީ މި ޕެކޭޖް ބަދަލުކުރެވޭނީ މިހާރު ގުނަން ފެށި މަހަށް، މުއްދަތު ހަމަވުމުން ކަމަށެވެ. ހިދުމަތެއް ނުދެވޭ ތާނގައި ކަސްޓަމަރުންނަށް މި ކުރަނީ ސީދާ ތުރާލެވެ.
މީޑިއާނެޓަަށް ގަވައިދުން ކުރަން އެނގޭ އޮންނަނީ އެންމެ ކަމެކެވެ. އެއީ މުއްދަތު ހަމަވާ ދުވަހަށް ފައިސާ ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލުމެވެ. މިކަން ވަރަށް ރަނގަޅަށް މި ކުންފުނިން އެބަކުރެ އެވެ، އަދި ހަމައެއާ އެއްގޮތަށް ޕޭމަންޓް ފަސޭހަކޮށްދޭން ޒާތްޒާތުގެ ގޮތްގޮތް ވެސް އެބަ ތައާރަފުކުރެ އެވެ. ރަނގަޅު ހިދުމަތެއް ނުދެވުނަސް، ކަސްޓަމަރުންގެ އަތުން ފައިސާ ލިބެނިކޮށް މި މި ކުންފުންޏަށް ނިމުނީ އެވެ.

އެކަމަކު ކަސްޓަމަރުން މި ތިބީ ނަގާ ފީއާ އެއްވަރުގެ ހިދުމަތެއް ނުދެވޭތީ އެ ކަންބޮޑުވުމާއި ޝަކުވާތަކާއި ހާސްކަމުގެ ތެރޭގަ އެވެ. މީޑިއާނެޓުން އުޅެނީ ކަސްޓަމަރުން "ފެލާށެވެ." ހިދުމަތެއް ނުދެވުނަސް ވަރި ހަމަ އެވެ. ދެން މިހާރު ބައެއް މީހުން ފޯނު ފަދަ ޑިވައިސްތަކުން ޗެނެލްތައް ބަލާތީ ފާޑުފާޑުގެ ޕްލެޓްފޯމްތައް ހަދައިގެން ވެސް ލާރި އަތުލެވޭތޯ ބަލަނީ އެވެ.
ފުރަތަމަ ކަމަކަށް ދޭ ހިދުމަތް ރަނގަޅުކުރުމާއި ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކާއި ކަންބޮޑުންވުންތަކަށް ހައްލު ހޯދައި ދިނިއްޔާ މާ ރަނގަޅު ވާނެ އެވެ.