ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނަވާ މުއްދަތު މަހެއްހާ ދުވަސް އިތުރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިކަން ހާމަކޮށް ބުނެފައިވަނީ، އަދީބު ސިންގަޕޫރުގައި ބޭސްފަރުވާއަށް ހޭދަކުރާ މުއްދަތު އިތުރުކޮށްދީފައިވަނީ، ކުރިން ދެވުނު 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރީން ހުށަހަޅާފައިވާ ލިއެކިއުންތަކަށް ރިޢާޔަތް ކޮށެެވެ. އަދި މިހާރު އޭނާއަށް ދެވިފައިވާ ހުއްދަ އަންނަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ބޭސްފަރުވާ އަށް އަދީބު ސިންގަޕޫރަށް މިމަހު ފުރިއިރު، މި ފަހުން އޭނާ އަށް ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދީފަ އެވެ. ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތީ އޭގެ ފަހުންނެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އަދީބު ހުންނަވަނީ ގޭ ބަނދުގައެވެ. އަދި އޭނާ ވަނީ ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމާއެކު އޭނާ މައްޗަށް އައިސްފައިވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި 2 މިލިއަން ރުފިޔާގެ ޖޫރިމައިނާއެކެވެ.
އަދީބު ގޭ ބަނދުގައި ހުންނަވާ މައްސަލާގައި ސަރުކާރަށް ފާޑުކިއުން އަމާޒުވުމުން ހޯމް މިނިސްޓަރ އިމްރާން ވަނީ އަދީބު ގޭ ބަނދުގައި ހުންނަވަނީ ނިދަން ބޭނުން ކުރާ މެޝިނެއް ބޭނުން ކުރަން ޖެހޭތީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމުގެ އެއްވެސް ތަފްސީލެއް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.