Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކައުންސިލުން މުވައްޒަފުންނަށް އިންޝުއަރެންސް ދޭން ފަށައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ:

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސް ދޭން ފަށައިފި އެވެ.

ކައުންސިލުގެ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސް ދެނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށެވެ. ކައުންސިލުން ބުނީ ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

އަދި ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ހިދުމަތް ބޭނުންވާ ނަމަ އާއިލާގެ މެންބަރުން ވެސް އިތުރު ކުރެވޭނެ އެވެ. މުވައްޒަފުންނަށް މި ސްކީމުގެ ދަށުން ޚިދުމަތް ދެނީ، ކައުންސިލުން ޕްރޫމިއަމް ދައްކައި އެ ފައިސާ އިންސްޓޯލްމެންޓް އުސޫލުން މުވައްޒަފުންގެ މުސާރައިން ކެނޑޭ ގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.

އިންޝުއަރެންސް ސްކީމުގައި ފައިސާ ބެހިފައިވާ ގޮތް / ފޮޓޯ: އައްޑޫސިޓީ ކައުްންސިލް

ކައުންސިލަރުންނާއި، މުވައްޒަފުން މެޑިކަލް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރުމަށް، ދައްކަން ޖެހޭ ފައިސާ އިންޝުއަރެންސް ކުންފުންޏަށް އެއްފަހަރާ ދެއްކުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި މިކަމަށްޓަކައި ކައުންސިލުގެ ޓްރަސްޓް ފަންޑުން 1 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ކައުންސިލުން މިދިޔަ އަހަރު ނިންމި އެވެ. އަދި މި ފައިސާ ނަގަނީ %2 އިންޓްރެސްޓުގައި ކަަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިންޝުއަރެންސް ސްކީމެއް ތައާރަފުކުރަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލްގައި 450 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށެވެ. މިއީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ އާއި އައްޑޫގެ ހަ އަވަށުގެ އަވަށު އޮފީސްތަކުގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.

އައްޑޫގައި 12 ކައުންސިލަރުން ތިއްބަވަ އެވެ.