Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޖޭޕީން މިއަދު އެމްއާރްއެމްއާ ބައްދަލުކުރަނީ

ޤާސިމް އިބްރާހިމް އަދި ފާރިސް މައުމޫން-

ޖުމްހޫރީ ޕާޓީން މިއަދު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ބައްދަލުކުރުމަށް ނިންމައިފިއެވެ.

ޖޭޕީން ބުނެފައިވަނީ މި ބައްދަލުވުން ކުރިއަށްދާނީ މިއަދު މެންދުރު ކުނޫޒްގައި ކަމަށެވެ.

މިފަހުން ޖުމްހޫރީ ޕާޓީން ވަނީ ޑިމޮކްރެޓްސް އަދި އެމްއެންޕީގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ބައްދަލުވުމުގައި އެ ތިން ޕާޓީން ވަނީ އެހެން ޕާޓީތަކަށް އެއްބަސްވެވޭނަމަ، އެއް ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނެރުމަށް އެއްބަސްވެފައެވެ. އެ ދުވަހުގެ ބައްދަލުވުމަށްފަހު ޤާސިމް ވިދާޅުވި އެއް ކެންޑިޑޭޓެއް ނެރުމުގެ ކަންކަމުގައި ޕީޕީއެމް އަދި އެމްއާރްއެމްއާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް އަންނަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.