މި އަހަރުގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ޑރ. މުހައްމަދު މުނައްވަރު ކެންޑިޑޭސީ އަށް ސޮއި ހޯދަން ފައްޓަވައިފި އެވެ.
އައްޑޫ މީދު އަށް ނިސްބަތްވާ ކުރީގެ އެޓާނީ ޖެނެރަލް ރިޔާސީ އިމްތިހާބަށް ނުކުންނަވަން ނިންމެވިކަން އިއުލާންކުރެއްވީ މި އަހަރުގެ މާޗް މަހުގެ ކުރީކޮޅު އެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ވާދަދަކުރައްވަން މުނައްވަރު ސޮއި ހޯއްދަވަން ފެއްޓެވި އިރު، މިހާތަނަށް ކެމްޕޭންގެ މާ ބޮޑު ހަރަކާތްތަކެއް ހިންގައިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑީޑަސީ ފޯމާ އެކީ 1،500 ސޮއި ހުށަހަޅަން ޖެހެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ރަސްމީކޮށް އިއުލާންކޮށް މާޗް މަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މުނައްވަރު ވިދާޅުވެފައި ވަނީ އޭނަ އަށް އިންތިހާބު ކާމިޔާބު ވެސް ކުރެއްވޭނެ އެވެ. އަދި ސިޔާސީ ޕާޓީތަކަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މުނައްވަރަކީ ކުރިން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.