އެމްއެންޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސަވައިފިއެވެ.
އެމްއެންޕީން މިއަދު އެކަން ހާމަކޮށްފައިވާއިރު އުޝާމްއަކީ އެމްއެންޕީގެ ނައިބު ރައީސްއެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުން ކަނޑައަޅާފައިވަނީ އެޕާޓީގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އަދި އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަންނަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.