Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ގައުމުގެ ގިނަ ކަންކަން އޮތީ ނާޒުކު ހާލަތެއްގައި

ދިވެހި ގައުމުގެ ގިނަ ކަންކަން މިއަދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އެކަންކަން އިސްލާހު ކުރުމަކީ ޒިންމާދާރުކަމާ އެކީގައި ސިޔާސަތުތަކެއް ހިންގައިގެން މެނުވީ އިސްލާހު ކުރެވޭނެ ކަންތައްތައް ނޫންކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޖުމްހުރީ ޕާޓީއާއެކު މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ކުނޫޒުން ނިކުމެވަޑައިގެން މީޑިޔާއާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ވަރަށް އުންމީދީ މަންޒަރެއް ފެންނަމުންދާ ކަމަށެވެ. އެކުގައި މަސައްކަތް ކުރާބަޔަކު އެކުގައި މަސައްކަތްކުރެވޭނެ ހާލަތަކަށް އައުމަށްޓަކައި އިސްކަންދޭނީ ރައްޔިތުންނާއި ގައުމު އެދޭ އިސްލާހީ ބަދަލަށް ކަމަށް ވިދާޅުވިއެވެ.

އެކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު ކަމަށާއި، އެދުމަކީ އެކުގައި މަސައްކަތްކުރެވޭނެ ހާލަތަކަށް އައުމަށްޓަކައި ދެފަރާތުންވެސް ބައެއް ކަންކަމަށް އެއްބަސްވުން ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މިކަމާ ގުޅިގެން އިތުރު މަޝްވަރާތަކެއް ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ހިޔާލުތަފާތުވާ ކަންތައްތައް ހުރިނަމަ އެކަމާމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުންމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް ގިނަ ކަންކަމަކީ ހިޔާލު އެއްގޮތް ކަންކަން ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ގަބޫލުކުރެވޭ، ދިވެހި ގައުމުގެ އިގްތިސާދު އަދި ދިވެހި ގައުމުގެ އިޖްތިމާއީ ފޭރާން އަދި ދިވެހި ގައުމުގެ ވަރަށް ގިނަ ކަންތައްތައް މިއޮތީ ފުދޭވަރަކަށް ނާޒުކު ހާލަތެއްގައި. އެހެންވީމަ މިކަންކަން އިސްލާހު ކުރުމަކީ ވަރަށް ޒިންމާދާރުކަމާ އެކީގައި ސިޔާސަތުތަކެއް ހިންގައިގެން މެނުވީ އިސްލާޙު ނުކުރެވޭނެ ކަންތައްތައް." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ކެމްޕޭނެއްގައި ނިކުމުގެ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނެލުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެމްއާރްއެމްއިން މަސައްކަތްތައް ކުރާނީ އެއަށްވުރެއް ޒިންމާދާރު ކަމާއެކު ކަމަށް ފާރިސް ވިދާޅުވިއެވެ.

ޖޭޕީއާއެކު ކުރިއަށްދާ މަޝްވަރާތަކުން އެއްބަސްވެވޭ ހިސާބަކަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.