މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވޭ ހަރަކާތްތަކުގައި ރައީސުލް ޖުމުހޫއްރީއްޔާގެ ނައިބު ފައިސަލް ނަސީމް މިރޭ އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި މިއަހަރު މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިނިވަން ދުވަހާއި ގުޅިގެން، މާދާމާ ހެނދުނު 6:00 ޖަހާއިރު ހިތަދޫ ސިޓީ ސްކޮޔަރގައި ބޮޑު ދިދަ ނަގާނެއެވެ. މި ރަސްމީއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހެނދުނު 9:00 ޖަހާއިރު އައްޑޫ ހައި ސްކޫލު ހޯލުގަިއ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ކުރިއަށްދާނެއެވެ.
މީގެ އިތުރުން މެނދުރު ފަހު ހިތަދޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ފަށްޓަވައި ދިނުމަށް ވަނީ ހަމަޖެހިފއެވެ. މިއީ 1500 މީހުންގެ ޖާގައިގެ ގިނަ ވަސީލަތްތަކާއި އެކު ބިނާ ކުރެވޭ އިސްލާމީ މަރުކަޒެކެވެ.
އައްޑޫގައި މިނިވަން ދުވަހާއި ގުޅިގެން ހާއްސަ ފުޅަނދު ބުރެއް ބުރާސްފަތި ދުވަހުގެ ރޭ ސިޓީ ސްކޮޔަރ ގައި އޮންނާނެއެވެ. މި ފުޅަނދު ބުރު ގުޅިފައިވާ ރައްތަކުގައި ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލު ކުދިންގެ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެއެވެ. އަދި 11:00 ޖަހާއިރު ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އައްޑޫގައި އެންމެ ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަ ކުރާ ފަހަރަށް ވެގެންދާނެއެވެ.