Last Updated: June 23, 10:33
Monday, June 23, 2025
މުނިފޫހިފިލުވުން

ޓީޒާ "ފްރީ ޑެލިވަރީ" ކޮށްފި

ކުރިން ވެބް ސީރީތްތަކެއް ގެނެސްދިން ޕްރޮޑަކްޝަން ހައުސް ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމު "ފްރީ ޑެލިވަރީ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ޑާކް ކޮމެޑީ އަކީ އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ ކްރައިމް ތުރިލާ "ނީނާ" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަދި މިއީ އޭނަގެ ތިން ވަނަ ފީޗާ ފިލްމެވެ.

އިއްލެގެ ފުރަތަމަ ފީޗާ ފިލްމަކީ 2019 ގެ "ބަވަތު" އެވެ.

"ފްރީ ޑެލިވަރީ" ގެ ޓީޒާ މިއަދު ދައްކާލައި ބުނީ ވަރަށް އަވަހަށް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ. މީގެ ކާސްޓްގައި ރައުފަތު ސޯދިގާއި ވާޝިޔާ މުހައްމަދާއި ޝާރިފު އަހުމަދާއި އިފްނާޒް ފިރާގާއި އޭނަގެ އަންހެނުން ތާތި އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ) ގެ އިތުރުން ވެސް ތަންކޮޅެއް އާ މޫނުތަކެއް ހިމެނެ އެވެ.

ކަޒްމިކުން ކުރިން ގެނެސްދިން އުފެއްދުންތަކުގެ ތެރޭގައި އިއްލެ ހެދި "މަޒުލޫމް" ސީރީޒާއި އަޒްހާން އިބްރާހީމް ހެދި "ދަރަކަ" ހިމެނެ އެވެ.