Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

މެސީގެ ދެ ގޯލުން މަޔާމީ މޮޅުވެއްޖެ

ލިއޮނަލް މެސީގެ ދެ ގޯލުން އެޓަލާންޓާ ޔުނައިޓެޑް 4-0 އިން ބަލިކޮށް އެމެރިކާ ލީގު ކަޕްގެ ދެވަނަ ބުރަށް އިންޓަ މަޔާމީ ދަތުރުކޮށްފި އެވެ.

ލީގު ކަޕްގައި މަޔާމީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކްރުޒް އަޒުލްގެ މައްޗަށް 2-1 އިން ކުރި ހޯދައިފަ އެވެ. އެ މެޗުން މަޔާމީ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ވެސް މެސީ އެވެ. މުބާރާތުގެ ދެވަނަ ބުރަށް މަޔާމީ ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މަޔާމީގެ ޑްރައިވް ޕިންކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި މެސީ ވަނީ މަޔާމީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި މަޔާމީގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ މެސީ ކަމަށްވާއިރު މެޗުގެ 44 ވަނަ މިނެޓްގައި މަޔާމީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަޔަން ޓެއިލާ އެވެ. މިއީ މަޔާމީގެ ތާރީހުގައި ވެސް ތިން ގޯލުގެ ލީޑަކާއެކު އެޓީމުން ހާފެއް ނިންމާލި ފުރަތަމަ ފަހަރެވެ.

މަޔާމީން މި މެޗުގައި ޖެހި ހަތަރުވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި މެސީ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ވެސް ޓެއިލާ އެވެ. މި މެޗުގެ 84 ވަނަ މިނެޓްގައި ކްރިސްޓޮފާ މެކްވީ އަށް ދެއްކި ރަތްކާޑާއެކު މަޔާމީން މި މެޗުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މަޔާމީގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެސީގެ އިތުރުން ސާޖިއޯ ބުސްކެޓްސް ވެސް ވަނީ މި މެޗުގައި ކުޅެފަ އެވެ.