ދިވެހިންނަށް ލިބިފައި އޮތް މިނިވަންކަމުގެ އެންމެ ބޮޑު ތަރިކަ އަކީ އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން އައްޑޫ ހިތަދޫ ސިޓީ ސްކެއާގައި ދިދަ ނަގަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ މިނިވަންކަން ދަމަހައްޓަން ދިވެހިންނަށް ލިބިފައިވާ މަތިވެރި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަކީ ވަރަށް ބޮޑު ދެ ނިއުމަތް ކަމަށެވެ.

އެހެންވެ މިނިވަން ގައުމެއްގެ ގޮތުގައި މި ކުޑަކުޑަ ރާއްޖެ އޮތުމަކީ ދިވެހިންގެ ފަހުރެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިނިވަންކަމުގައި އަޅުގަނޑުމެން ފަންސާސް އަށް އަހަރު ލެއްވުމަކީ ޝުކުރުވެރިވާން ޖެހޭ ކަމެއް." ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދުނިޔޭގެ އެންމެ ނާޒުކު ގައުމުގެ ގޮތުގައި އަދި ގުދުރަތީ ގޮތުން ކަމެއް ދިމާވިޔަސް ރައްކާތެރިކަން ހޯދާނެ މާ ގިނަ ވަސީލަތްތަކެއް ވެސް ނެތި މަދު މީސްކޮޅަކާއި އެހާމެ ގިނަ ގޮންޖެހުންތަކާއި އެކީ ރާއްޖެ އޮތީ ދުނިޔޭގެ ބިޔަ ގައުމުތަކެއްގެ ކައިރީގައި ކަމަށެވެ.

"އެހެންވެ މިފަދަ ގައުމެއް މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަކީ ހަމަ ގައިމު ވެސް އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭ ކަމެއް،" ނިޒާރު ވިދާޅުވި އެވެ. "މިނިވަންކަމާ އެކީ އަޅުގަނޑުމެން ތިބުމުގައި ލިބިފައިވާ އެންމެ މުހިއްމު އެއް ކަމަކީ އަޅުގަނޑުމެންގެ ދީނާއި ސަގާފަތް. އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަކީ މިވީހާ ހިސާބަށް އަޅުގަނޑުމެން މިނިވަން ގައުމެއްގެ ގޮތުގައި އޮތީ އެކަމަށް ކުރި މަސައްކަތާއު އެކަން ދަަހައްޓަން ކުރި މަސައްކަތުންކަން. އެހެންވީމާ ދީނާއޮ ސަގާފަތަކީ އަޅުގަނޑުމެންނަށް ލިބުނު މުހިއްމު ތަރިކައެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުން."
މިނިވަން ދުވަހުގެ ދިދަ އައްޑޫގައި ނަގަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެހެންވެ އެކަމަށްޓަކައި މޭޔަރު އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި މި އަހަރުގެ މިނިވަން ދުވަސް އައްޑު އަށް ވަރަށް ހާއްސަ ކަމަށް ވިދާޅުވި އެވެ.
މިއަދު އައްޑޫގައި އެންމެ ހާއްސަ އެއް ކަމަކަށް އޮތީ ހިތަދޫގައި ބިނާކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމެވެ. އައްޑޫ ހައި ސްކޫލްގައި ހެނދުނު 9:00 ގައި ބާއްވާ މިނިވަން ދުވަހުގެ ޖަލްސާ އަށް ފަހު، އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އެކަމަށް ކަނޑައަޅާފައި އޮތް ބިމުގައި ބާއްވާނެ އެވެ.

ބިންގާ އަޅުއްވައި ދެއްވާނީ ނައިބު ރައީސާއި އިސްލާމިކް މިނިސްޓަރާއި މޭޔަރެވެ.
މިނިވަން ދުވަހާ ގުޅިގެން އަންނަ ހުކުރު ދުވަހާ ހަމައަށް އައްޑޫގައި ތަފާތު ހަރަކާތްތައް ހިންގަން ހަމަޖެހިފައިވެ އެވެ.