މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ވީރޭ ދީ ވެޑިން" ގެ ސީކްއެލްގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމުގެ ދެވަނަ ބައިގެ ތައްޔާރީތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށާނެ އެވެ.
ހަތަރު އަންހެނެއްގެ ބަޑީ ކޮމެޑީއެއްގެ ގޮތުގައި 2018 ގައި ގެނެސްދިން "ވީރޭ ދީ ވެޑިން" އަކީ ޝަޝަންކާ ގޯސް ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ މައިގަނޑު ރޯލުތައް ކުޅުނީ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރްގެ އިތުރުން ޝިކާ ތަލްސާނިއާ އެވެ. އެންމެ 28 ކްރޯޑް ރުޕީސް (3.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 139 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.
"ވީރޭ ދީ ވެޑިން" އަށް ފަހު އެކްތާ އާއި ރިއާ ގުޅިގެން އަނެއްކާ ވެސް އާ ފިލްމެއް އަންނަ އަހަރު ގެނެސްދޭނެ އެވެ. އެއީ އަންނަ އަހަރުގެ މާޗަށް ތާވަލުކޮށްފައި އޮތް "ދަ ކްރޫ" އެވެ. އޭގެ ކާސްޓުންނަކީ ކަރީނާ އާއި ކްރިތީ ސެނަންގެ އިތުރުން ތައްބޫ އެވެ.