ރާއްޖޭގައި އެންމެ ފަހުން ވުޖޫދަށް އައި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް އިއުލާންކުރުން އަންނަ ހުކުރު ދުވަހު އިއުލާންކުރަން ނިންމައިފި އެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި އިލްޔާސް ވިދާޅުވީ ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅުމަށް ދެ ތިން ބޭފުޅަކާ ވާހަކަ ވެސް ދެކެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޕާޓީގެ ރުހުމާ އެކީ އިހުތިޔާރުކުރާ ބޭފުޅަކު އިއުލާން ކުރާނީ ހުކުރު ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބާއްވާ ޕްރައިމަރީއަށް ފަހު ކަމަށް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މަޖިިސް މެމްބަރު ވިދާޅުވީ އޭނަގެ ރަނިންމޭޓަކީ ވަރަށް ގާބިލު އަދި ރައްޔިތުން ވެސް ބަލައިގަންނާނެ ބޭފުޅަކަށް ވާނެ ކަމަށެވެ.
ޑިމޮކްރެކްޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލުމުން ވާދަކުރައްވަން ހުށަހެޅުއްވީ އިލްޔާސް އެކަންޏެވެ. އެގޮތުން ހުކުރު ދުބަހު ބާއްވާ ނުފެންނަ ފެންނަ ވޯޓްގައި ކެންޑޭޓަށް ޕާޓީގެ 10 ޕަސެންޓް މެމްބަރުންގެ ތާއީދު ބޭނުން ވާނެ އެވެ.
އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި އޭނަ ކުރިއަށް ވަޑައިގަންނަވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާ އިރުޝާދާ އެކީ އެ މަނިކުފާނު ދައްކަވާ މަގުންނެވެ. ނަޝީދު ވަނީ އިލްޔާސަކީ ވެރިކަން ކުރައްވަން ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ވެރިކަން ދޭންވީ ވެސް އޭނަ ފަދަ ޒުވާން ލީޑަރަކަށް ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ. އިންތިހާބަށް ކުރިމަތިލާން އިލެކްޝަން (އީސީ) އިން މިދިޔަ އާދީއްތަ ދުވަހު ހުޅުވާލާފައިވާ އިރު، ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ.