ސަނީ ޑިއޯލްގެ ދަރިފުޅު ރަޖްވީރު ޑިއޯލް އާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ދޯނޯ" ގެ ޓީޒާ ދައްކާލައިފި އެވެ.
ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާފައިވާ މި ލޯބީގެ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަވްނީޝް ބަރްޖަތިއާގެ ހަދާފައިވާ ފިލްމެކެވެ. އަވްނީޝް އަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމުތަކެއް ކަމަށްވާ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިއެކެވެ.
އޭނަގެ އާއިލީީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ގެނެސްދޭ "ދޯނޯ" ގެ ޓީޒާ އިން ފެންނަ ގޮތުގައި ފިލްމުގައި ދައްކުވައި ދޭނީ އިންޑިއާއިން ބޭރުގައި ބާއްވާ އެކުވެރިންތަކެއްގެ ކައިވެނީގެ ހަފުލާއަކަށްދާ ދެ ޒުވާނަކު ބައްދަލުވެ، އެ މީހުންގެ ގުޅުން ލޯތްބަށް ބަދަލުވެގެންދާ ގޮތެވެ.
"ދޯނޯ" ގެ ޓީޒާ ދައްކައިލި ނަމަވެސް އަދިވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބުނެފައިވާތީ، މި އަހަރުގެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.
ރާޖްޝްރީން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ސޫރަޖްގެ މިދިޔަ އަހަރުގެ "އޫޗާއީ" އެވެ.
ސަނީ އާއި ޕޫނަމްގެ ދަރިންތަކެއް އެކީގައި ބޮލީވުޑަށް ނުކުންނަ އިރު، އެ ދެ ތަރިންނަކީ އެކީގައި ފިލްމުތަކެއް ކުޅެފައިވާ ތަރިންނެޗެ. އެގޮތުން އެންމެ މަޝްހޫރު ފިލްމަކީ 1986 ގެ "ސަމަންދަރު" އެވެ.