Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

އޭޝިއާ އަށް ހާއްސަކޮށްގެން "ޓޮމް އެންޑް ޖެރީ"

މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކާޓޫން، "ޓޮމް އެންޑް ޖެރީ" މުޅިން އަލަށް އޭޝިއާގެ އޯޑިއަންސަށް ހާއްސަކޮށްގެން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ޓޮމް ކިޔާ ބުޅަލަކާއި ޖެރީ ކިޔާ މީދަލަކާ ދެމެދު އޮންނަ ލޯތްބާއި ނަފުރަތު ގުޅުމުން ބެލުންތެރިން ހެއްވައިލަމުން އައި "ޓޮމް އެންޑް ޖެރީ" ގެ ވާހަކަ އޭޝިއާގެ އޯޑިއަންސަށް މި ގެނެސް ދެނީ އެ ދެ "އެކުވެރިން" ގެ ވާހަކަ ސިންގަޕޫރުން ކިޔައިދޭ ގޮތަށެވެ. އެނިމޭޓް ސީރީޒެއްގެ ގޮތުގައި މި ގެނެސްދޭނީ ކާޓޫން ނެޓްވޯކާއި އެޗްބީއޯ ގޯއިންނެވެ.

"ޓޮމް އެންޑް ޖެރީ" ގެ ނަން ދީފައިވާ މި ސީރީޒް ޕްރޮޑިއުސްކުރަނީ މީގެ ވެރިފަރާތް ކަމަށްވާ ވޯނާ ބްރޮސްއިންނެވެ. ވިވެކް ބޯލާ ޑައިރެކްޓްކުރާ ސީރީޒްގެ ފުރަތަމަ އެޕިސޯޑް ޕައިލެޓް އެޕިސޯޑެއްގެ ގޮތުގައި އަންނަ މަހު ގެނެސްދޭނެ އެވެ.

ދެކުނު އޭޝިއާގެ އޯޑިއަންސަށް ހާއްސަކޮށްގެން ހަދާ "ޓޮމް އެންޑް ޖެރީ" ގެ މައިގަނޑު މަސައްކަތްތައް ކުރަނީ ހަމަ އޭޝިއާ އަށް ނިސްބަތްވާ ފަރާތްތަކުންނެވެ. އެގޮތުން މީގެ އެނިމޭޝަން ހަދަނީ އިންޑިއާގެ އައުމް އެނިމޭޝަން ސްޓޫޑިއޯސްއިންނެވެ. ސީރީޒްގެ ވާހަކަ ޑިވެލޮޕްކޮށްފައި ވަނީ ސިންގަޕޫރްގެ ރޮބޮޓް ޕްލޭގްރައުންޑް މީޑިއާ އާއި ޗިޕްސް އެންޑް ޓޫން ސްޓޫޑިއޯސް އެވެ.

"ޓޮމް އެންޑް ޖެރީ" އަށް މިހާރު 83 އަހަރުވެފައިވާ އިރު، މީގެ 15 ފިލްމާއި 500 އެޕިސޯޑްގެ ސީރީޒް ގެނެސްދީފައިވެ އެވެ.

"ޓޮމް އެންޑް ޖެރީ" އަކީ ހުރިހާ އުމުރެއްގެ މީހެއްގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ.