Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ދިވެހިން ބޭނުން ވަނީ ސުލްހަވެރިކަން: ނިޒާރު

ދިވެހިން ބޭނުން ވަނީ ސުލްހަ މަސަލަސްކަން ކަމަށާއި ރާއްޖޭގެ ސިޔާސީ ލީޑަރުން ވެސް ކޮށްދޭންވީ ކަމަކީ އެއީ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަސް ފާހަގަކުރަން އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ އެންމެ މީހަކު ގެންގުޅޭ ނުކިއްސަރު ސިޔާސަތަކުން ވެސް ގައުމު ހަލާކުވެ ހިނގައިދާނެ ކަމަށާއި އެފަދަ ސިޔާސަތުތަކާއި ފިކުރު ގެންގުޅޭ ސިޔާސީ ވެރިން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ މިނިވަންކަމުން ލިބީ ހަގީގީ ފިނިކަން ވެސް ހިތަށް އިހުސާސްކުރެވޭނީ ގައުމުގެ ސުލްހަވެރިކަމާއި އަމާންކަން އޮތުމުން ކަމަށެވެ. އޭނަ ވިދާޅުވީ ރާއްޖެ އަކީ އަދި އާބާދީ ވެސް ފަސްލައްކަ އަށް ނާރާ މަދު މީސްކޮޅެއް އުޅޭ ގައުމެއް ކަމަށާއި މި ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ބޭނުން ވަނީ ހަރުދަނާ ސިޔާސަތުތައް ގެންގުޅޭ ސިޔާސީވެރިން ކަމަށެވެ.

"ދުނިޔޭގެ ގައުމަކަށް ލިބޭނެ އެންމެ ފުރިހަމަ ގާނޫނުއަސާސީއަކާއ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް އަހަރެމެންގެ ތެރޭގައި އެބައޮތް. މުއައްސަސާތަކަށް ލިބެން ޖެހޭ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން،" ނިޒާރު ވިދާޅުވި އެވެ. "ހަމައެއާ އެކީ ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި ހުރިހާ ސަރުކާރަކުން ވެސް ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް ސިއްހީ ހިދުމަތްތަކާއި ތައުލީމީ ނިޒާމު ކުރިއަރުވަން މަސައްކަތް އެބަކުރޭ."

މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ފުލުހުންނާއި ސިފައިންގެ ހިދުމަތް ތަރައްގީކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ދަމަހައްޓަން ޖެހޭ އެންމެ މުހިއްމު ކަމަކީ އަޅުގަނޑުމެން ދިވެހިން ސުލްހަ މަސްލަހަތަށް ލޯބިކޮށް އެކަން ދަމަހައްޓަން މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ލީޑަރުން ސިޔާސީ ބޭފުޅުން، ވެރިކަމަށް ވަޑައިގަންނަވާ އަދި ވޯޓް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުން ކޮށްދެއްވަން ޖެހޭ އެއް ކަމަކީ ސުލްހަ މަސަލަސްކަން ގާއިމުކުރެވޭނެ ސިޔާސުތައް ގެނެސްދިނުން."

ނިޒާރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އޮތް އެންމެ މުހިއްމު ޒިންމާ އަކީ އެ ސިޔާސުތަކާއި އުސޫލުތައް ދަމަހައްޓާނެ ވެރިން ގެނައުމަށް މަސައްކަތް ކުރަން ފުރުސަތު ދިނުމެވެ.

"އެޅޭ އެންމެ ޅަ އެއްޗަކުން ވެސް އަޅުގަނޑުމެންނަށް ލިބިފައިވާ އުފާތައް ބީވެގެން ހިނގައިދާނެ. އެންމެ މީހެއްހެ ސިޔާސަތުން އެންމެ މީހަކު ގެންނަ ވިޔާނުދާ ސިޔާސަތަކުން މުޅި ގައުމު ހަރާބުވެފައިވޭ،" މޭޔަރު ވިދާޅުވި އެވެ. "މުޅި މުޖުތަައު، މުޅި އިިންސާނިއްޔަތަށް އޭގެ ނުބައި އަސަރުތައް ކޮށްފައި އެބަހުރި."

އެހެންވެ ރައްޔިތުންގެ ކަންކަން ނިންމުމަށް ވެރިން ގެންނަން ވިސްނާ އިރު، މިފަދަ ކަންކަމަށް ރައްޔިތުން ވަރަށް ވިސްނަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.