Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އައްޑޫގެ ތަރައްގީ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ

ސަރުކާރުން މިހާރު އައްޑޫގައި ފަށާފައި ހުރި މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންކަމާ އެކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީ އަށް އިންގިލާބީ ބަދަލެއް ގެނެވޭކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މިނިވަން ދުވަސް، އައްޑޫގައި ފާހަގަކުރަން ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އައްޑޫގެ މުސްތަގުބަލު އަބަދު ވެސް މުހިއްމު ކަމަށެވެ. އަދި މިހާތަނަށް އެކި ދާއިރާތަކުން ރާއްޖެ ހޯދި ކުރިއެރުންތަކުގައި އައްޑޫގެ ހިއްސާ ބޮޑު ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އައްޑޫގެ ތަރައްގީ އަށް ސަކާރުން މިކުރާ މަސައްކަތުން އަޅުގަނޑު ދަންނަވާނި އިންގިލާބީ ބަދަލެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ގެނެސްވޭ ކަންތައްތަމުން ގެނެވޭނެ ކަމެއް." އެ މަނިކުފާނު ވިދާޅުވި އެވެ.

އޭހެ ތެރޭގައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމާއި ޓޫރިޒަމް ފޫޅާކުރުމާއި ތައުލީމާއި ސިއްހީ ދާއިދާ ކުރިއަރުވަން ކުރެވޭ މަަސައްކަތްތައް ހިމެނޭކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ މިކަމްތައްތަކާ އެކީ އައްޑޫގެ ތަރައްގި އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ. އަޅުގަނޑުމެން މި ސަރުކާރުން އަދި ހާއްސަކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އައްޑޫ ރައްޔިތުންނަށް އަޅުގަނޑު ދެން."

ފައިސަލް ވިދާޅުވީ އޮތީ އެކީގައި މަސައްކަތް ކުރުން ކަަމަށެވެ.

"ވަަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. ޓެސްޓް ކުރެވިއްޖެ. ކޮބައިތޯ ރަނގަޅު ގޮތަކީ އަޅުގަނޑުމެންނަށް ޓެސްޓް ކުރެއްވިއްޖެ. އަޅުގަނޑުމެން އިންސާނުންގެ މައްޗަށް އޮންނަނީ ރަނގަޅު ގޮތުގެ މައްޗަށް ނުރަނގަޅު ގޮތް އިހުތިޔާތު ނުކުރުން،" ނައިބު ރައީސް ވިދާޅުވި އެވެ. "އިސްލާމް ދީން ބާރު އަޅަނީ ވެސް އެގޮތަށް."

އެހެންވެ ގޮވާލައްވަނީ ގައުމުގެ ތަރައްގީ އަށް އެންމެން އެކީގައި މަސައްކަތްކުރަން ކަމަށް ވިދާޅުވި އެވެ.

"ދުޝްމަންކަމާއި މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ކަންތައްތަކަކީ މާޒީ ކަމަށް ބަލައި ކުރިއަށް އޮތީ ހަމަޖެހުމާއި ހެޔޮބަސް ބުނުމާއި އެކުގައި މަސައްކަތްކުރުމާއި ތަރައްގީ އަށް ވާސިލުވުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރުންކަން ހިތުގެ އަޑިން ގަބޫލުކޮށް އެކަމަށްޓަކައި އަޅުގަނޑުމެން މުޅި ގައުމު އެކުގައި ތެދުވެގެން އަތާއަތް ގުޅާލައިގެން ހިތާހިތުން އަޅުގަނޑުނެން މި މަސައްކަތް ކުރަން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވި އެވެ. "އެހެން ނޫނީ އަނެއްކާ ވެސް އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ މުޅިން އެހެން ކަހަލަ ކަންތައްތަކާ.