ރާއްޖޭގެ ތަޢުލީމީ ދާއިރާ އަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ރައީސްގެ އޮފީހުގެ ސޯޝަލް ޕޮލިސީގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ޑރ. މުޞްޠަފާ ލުޠުފީ އަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފި އެވެ.
އޭނަ އަށް އެ ޢިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
މުޞްޠަފާ އަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެރުއްވީ ޑޮކްޓަރ މުޞްޠަފާ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް މާއި، ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދިތަފާތު އެކި މަޤާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 34 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ރައީސް ވިދާޅުވީ މުޞްޠަފާ އަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.