Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މި ފަސް އަހަރު ފުރިހަމަ މާނައިގައި މިނިވަންކަން ލިބުނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މި ހިނގާ ވެރިކަމުގެ ފަސް އަހަރުގައި ފުރިހަމަ މާނައިގައި މިނިވަންކަން ޤާއިމުވެފައި އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިނިވަން ދުވަހަކީ ޤައުމެއްގެ ނިސްބަތުން ފާހަގަކުރާނެ އެންމެ ފަޚުރުވެރި އަދި އެންމެ ހައިބަވަންތަ ދުވަސް ކަމަށެވެ. ރައީސް ވިދާޅުވީ މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ލޯބި ކަމަށާއި އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާހިލީ ހަމަޖެހުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ފާއިތުވި ފަސް އަހަރަކީ ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްޤާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި އަމާޒަކަށް ހެދީ ދިވެހިންގެ ހާލަތު ބަދަލުކޮށް ތަރައްގީގެ މަގަށް ދިވެހިން ނެރެދިނުން ކަމަށެވެ. އެގޮތުން މިއަދު އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު މިހާރު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ތައުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން ކަމަށެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ ކަމަށާއި އަދި ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.